Logo ya YouVersion
Elilingi ya Boluki

ލޫކާސް 15

15
ގެއްލިފައިވާ ކަންބަޅިއެއް ފެނުމުގެ އުފާ
1އެއްދުވަހަކު އީސާގެފާނު މީސްތަކުންނާ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ސަރުކާރުގެ ޓެކްސް ނަގާ މީހުންނާއި އަދި ނުބައި ފާފަތައް ކުރުމަށް މަޝްހޫރު ވެފައިވާ އެތައް ބަޔަކު އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑު އެހުމަށްޓަކައި އެތަނަށް އައެވެ. 2އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.⁠“
3އެހެންކަމުން އީސާގެފާނު އެބައިމީހުންނަށް މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. 4”⁠މިސާލަކަށް ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ސަތޭކަ ކަންބަޅި ވަނިކޮށް އޭގެތެރެއިން އެކަތި މަގުއޮޅި ގެއްލިގެން ހިނގައްޖެ ނަމަ އެމީހާ ކުރާނީ ކީއް؟ އޭނާ އަނެއް ނުވަދިހަ ނުވަ ކަންބަޅި ވިނަ ކާން ދަނޑުގެ ތެރެއަށް ދޫކޮށްފައި ގެއްލިފައި ވީ ކަންބަޅި ހޯދަން ދާނެ. 5ކަންބަޅި ފެނުމުން އެކަމާއިވީ އުފަލުން އޭތި އޭނާގެ ކޮނޑުމަތީ ބާއްވައިގެން 6ގެއަށް ގެންގޮސް އޭނާގެ ރައްޓެހިންނަށާއި އަވަށްޓެރިންނަށް ގޮވައި އޭނާ ބުނާނެ. ’⁠މަގޭ މަގުއޮޅިގެން ގެއްލުނު ކަންބަޅި ފެނިއްޖޭ! އަހަރެންގެ މިއުފަލުގައި ބައިވެރިވުމަށް އަންނާށޭ!⁠‘⁠“ 7އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިބުނި ފަދައިން ތިމާއަކީ ތައުބާ ވާން ނުޖެހޭ ދަރުމަވެރި މީހުން ކަމުގައި ދެކޭ ނުވަދިހަނުވަ މީހުންގެ މައްޗަށް ސުވަރުގޭގައި ފާޅު ކުރެވޭ އުފަލަށް ވުރެ ފާފަވެރިންގެ ތެރެއިން ތައުބާވާ އެންމެ މީހަކަށްޓަކައި ސުވަރުގޭގައި ފާޅު ކުރެވޭ އުފާ މާ ބޮޑުވާނެ.⁠“
ރިހި ލާރިއެއް
8އަދި އީސާގެފާނު މި މާނަފުން ވާހަކަ ވެސް އެބައިމީހުންނަށް ވިދާޅުވެ ދެއްވިއެވެ. ”⁠މިސާލަކަށް އަންހެނެއްގެ އަތުގައި ރިހި ދިހަލާރި ވި. އަދި މީގެ ތެރެއިން އެއްލާރި ގެއްލުނު. މިހެން ކަންތައް ދިމާވި ހިނދު އެއަންހެން މީހާ ކަންތައް ކުރާނީ ކޮން ފަދައަކުން؟ އޭނާ ބައްތި ދިއްލައި ގޭތެރެ އަލިކޮށް މުޅި ގޭތެރެ ކުނިކަހާ މި ރިހިލާރި ފެނޭތޯ މުޅި ގޭތެރޭގެ ހުރިހާ ތަނެއް ހޯދާނެ.
9އަދި މި ރިހިލާރި ފެނުމުން އޭނާގެ އަވަށްޓެރިންނާއި އެކުވެރިންނަށް ގޮވައި ގެނެސް އެމީހުންނަށް ބުނާނެ. ’⁠އަހަރެން މި ވަނީ ވަރަށް އުފަލުގައޭ. އަހަރެން އަތުން ގެއްލުނު ރިހިލާރި ފެނިއްޖޭ. އަހަރެންގެ މި އުފަލުގައި ބައިވެރިވެދޭށޭ!⁠‘⁠“
10ފަހެ އީސާގެފާނު ވިދާޅުވިއެވެ. ”⁠މީސްތަކުންގެ ތެރެއިން އެންމެ ފާފަވެރިއަކުމެ ފާފައިން ދުރުވެ އެކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންކުރަން ފަށައިފި ހިނދު މާތްރަސްކަލާނގެ މަލާއިކަތުން ވެސް ހަމަ މިފަދައިން އުފާވެރި ވާނެ.⁠“
ދެ ފިރިހެން ދަރިން
11އީސާގެފާނު މިއަށް ފަހު މި މާނަފުން ވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. ”⁠އެއްފަހަރަކު އުޅުނު ދަނޑުވެރިޔަކުގެ ދެފިރިހެން ދަރިން ވި. 12އެއްދުވަހަކު މި ދެ ފިރިހެން ދަރިން ކުރެ ހަގު ދަރިފުޅު އޭނާގެ ބައްޕައަށް ބުނި. ’⁠ބައްޕާއޭ. ބައްޕަގެ މުދަލުން އަހަރެންނަށް ވާ ބައި އަހަރެންނަށް ދޭށޭ.⁠‘ ދެން މި ދަނޑުވެރިޔާ އޭނާގެ ހުރިހާ މުދާ އޭނާގެ ދެދަރިންގެ މެދުގައި ބަހައި ހަގު ދަރިފުޅަށް ވީ މުދާ އޭނާއަށް ދިން.
13ކުޑަ ދުވަސްކޮޅެއް ފަހުން މި ހަގުދަރިފުޅު އޭނާގެ ހުރިހާ މުދާ ވިއްކާލާ އެފައިސާ ހިފައިގެން އެހެން ދުރު ސަހަރަކަށް ހިނގައްޖެ. އަދި މިސަހަރުގައި އޭނާގެ ހުރިހާ ފައިސާއެއް މަޖާކޮށް ބޭނުން ނެތް ބޭކާރު ގޮތްތަކަށް ހޭދަކޮށްލި. 14މި ދުވަސްވަރު މުޅި މިސަރަހައްދަށް ވަރަށް ބޮޑު ތަދަކާއި ކުރިމަތިލާން ޖެހުނު. އޭރު އޭނާގެ ހުރިހާ ލާރި ބޭނުންނެތް ގޮތުގައި ހޭދަކޮށް ހުސްވެއްޖެ. އޭނާއަށް ކާނޭ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގެ ހާލުގައި ޖެހިއްޖެ. 15މި ހިނދު އޭނާ އެހިސާބުގަނޑުގެ ދަނޑުވެރިއެއްގެ ދަނޑުގައި މަސައްކަތް ކުރުމަށް ދިޔަ. މި ދަނޑުވެރިޔާ އޭނާއަށް ދިން މަސައްކަތަކީ އޭނާގެ އޫރުތައް ބެލެހެއްޓުމުގެ މަސައްކަތް. 16މީނާގެ ބަނޑުހައި ހޫނުކަން ބޮޑުވެގެން އެކަމަށް ކެތް ނުކުރެވުމުގެ ސަބަބުން މިއޫރުތައް އެކާ ހިތިތޮޅިތައް ވެސް ކާން ލިބޭނެ ނަމައޭ އޭނާގެ ހިތަށްއެރި. މި ހާލުގައި ވީއިރު ވެސް އޭނާއަށް ކާއެއްޗެއް ދޭނޭ މީހަކު ނުވި.
17މިހެން ކަންތައް ދިމާވި ހިނދު އޭނާއަށް ވީ ގޮތް ވިސްނި ހޭޖެހި އޭނާ އޭނާގެ އަމިއްލަ ނަފްސަށް ބުނި. ’⁠މަގޭ ބައްޕަގެ ނޯކަރުންނަށް ވެސް އެމީހުންނަށް ނުކެވި ގިނަވާ ވަރަށް ވުރެ ގިނައިން ވެސް ކާން ލިބެއޭ. އެކަމަކު މަ މިތާނގައި މިބަނޑަށް މަރުވަނީއޭ. 18އަހަރެން އެނބުރި ބައްޕަގެ ކައިރިއަށް ދާންވީއޭ. އަދި ބައްޕައަށް ބުނާނަމޭ. ބައްޕާއޭ. އަހަރެން ބައްޕައާއި އަދި މާތްރަސްކަލާނގެއާއި ދެކޮޅުވެ ފާފަ ކޮށްފީމޭ. 19ވީމާ އަހަރެންނަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ. އެހެންނަމަވެސް ބައްޕަގެ ނޯކަރުންގެ ތެރެއިން މީހަކު ކަމުގައި އަހަރެން ގަބޫލު ކުރާށޭ.⁠‘ 20މިހެން ހިތާ އޭނާ އެނބުރި ރަށަށް ދިއުމަށް ދަތުރު ފެށި.
އޭނާއަށް ގެއާއި ހަމައަށް ނުވެސް ދެވި އުޅެނިކޮށް އޭނާގެ ބައްޕައަށް އޭނާ ފެނި ދުވަމުން އައިސް އޭނާގެ ހާލު ދެކެ އެކަމުގެ މައްޗަށް ހަމްދަރުދީވެ އޭނާގެ ގައިގައި އޮޅުލައިގަނެ ބޮސްދީ ހެދި.
21މި ހިނދު މިދަރިފުޅު ބުނި. ’⁠ބައްޕާއޭ. އަޅުގަނޑު ބައްޕައާއި އަދި މާތްރަސްކަލާނގެ އާއި ދެކޮޅުވެ ފާފަ ކޮށްފީމޭ. ވީމާ އަޅުގަނޑަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ.⁠‘
22ނަމަވެސް އޭނާގެ ބައްޕަ ނޯކަރުންނަށް ގޮވާ ގެނެސް ބުނި. ’⁠އަވަހަށް ގޮސް މޮޅު އަގުބޮޑު ހެދުމެއް ގެނެސް މީނާއަށް ދޭށޭ. މީނާގެ އިނގިލީގައި އަޅާނެ އަންގޮޓިއަކާއި އަރާނެ ފައިވާނެއް ވެސް ގެނެސްދޭށޭ. 23އަދި ޚާއްސަ މުނާސަބަތަކަށްޓަކައި ފަލަ ކުރެވިފައިވާ ޅަ ގެރި ކަތިލާ ބޮޑު ކެއުމެއް ތައްޔާރު ކުރާށޭ. މި އުފާވެރި މުނާސަބަތު ފާހަގަ ކުރަން ވާނޭ. 24މިއަދު މަގޭ މަރުވެފައި ވީ ދަރިފުޅަށް އަލުން އާ ޙަޔާތެއް ލިބިއްޖޭ. މަގޭ ގެއްލިފައި ވީ ދަރިފުޅު ފެނިއްޖޭ.⁠‘ ދެން އެއަށް ފަހު އެބައިމީހުން މިކަން ފާހަގަ ކުރުމަށްޓަކައި އުފާ ފާޅުކުރުމަށް ފެށި.
25މި ވަގުތު މިދަނޑުވެރިޔާގެ ދޮށީ ދަރިފުޅު އުޅުނީ ދަނޑުތަކުގެ މަސައްކަތުގަ. އޭނާ މަސައްކަތުން ނިމިގެން އެނބުރި ގެއަށް އައިއިރު ގޭދޮށުގައި މީސްތަކުން ލަވަކިޔައި ނަށައި އުޅޭ ތަން ފެނި 26އެތަނުގައި ވީ ނޯކަރަކަށް ގޮވައި ގެނެސް މި ވަނީ ކީއްތޯ އަހާސުވާލު ކުރި. 27އެމީހާ ޖަވާބުގައި ބުނި. ’⁠ސާހިބާގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި ގެއަށް އަތުވެއްޖޭ. އަދި ސާހިބާގެ ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި ކަތިލާ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބޮޑު ކެއުމެއް ތައްޔާރު ކޮށްފިއޭ.⁠‘
28ދޮށީ ދަރިފުޅު މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. އަދި ގޭތެރެއަށް ވަނުމަށް އިންކާރު ކުރި. ދެން އޭނާގެ ބައްޕަ ބޭރަށް އައިސް އާދޭހާއި އެކު އޭނާ ގާތު ގޭތެރެއަށް ވަނުމަށް އެދުނު. 29ނަމަވެސް މި ދޮށީ ދަރިފުޅު އޭނާގެ ބައްޕައަށް ބުނި. ’⁠މި ހުރިހާ އަހަރު އަހަރެން ބައްޕަގެ ދަނޑުތަކުގައި އަޅަކު ފަދައިން މަސައްކަތް ކުރިމޭ. އަދި ދުވަހަކު ވެސް ނުކިޔަމަންތެރިއެއް ނުވަމޭ. ނަމަވެސް އަހަރެންގެ ރައްޓެހީންނާއި އެކު މަޖާ ކޮށްލާ ޕާޓީއެއް ބާއްވާލަން ޅަ ބަކަރިއެއްގެ މިންވަރު ވެސް ބައްޕަ ނުދޭ. 30އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.⁠‘
31ބައްޕަ މީނާއަށް ބުނި. ’⁠މަގޭ ދަރިފުޅާއޭ. ކަލޭ އަބަދުވެސް ތިޔަވަނީ މިތާ ބައްޕަގެ ގާތުގައޭ. އަދި ބައްޕައަށް ވާ ނަމަ ވާހާ މުދަލެއް ތިޔަވަނީ ކަލޭގެ އަތްމައްޗަށް ދޫކޮށްލާފައޭ. 32ނަމަވެސް މިއަދު ކަލޭގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި އައި ހިނދު އެކަމުގެ އުފަލުގައި އަހަރެމެން މިކެއުން ތައްޔާރުކޮށް އުފާ ފާޅުކުރަން ޖެހޭނޭ. އެއީ ކަލޭގެ ކޮއްކޮ ވީ މަރުވެފައޭ. ނަމަވެސް މިހާރު އޭނާއަށް އަލުން ޙަޔާތެއް ލިބިއްޖޭ. އޭނާ ވީ ގެއްލިފައޭ. ނަމަވެސް އަލުން އޭނާ ފެނިއްޖޭ.⁠‘⁠“

Currently Selected:

ލޫކާސް 15: ކމ

Tya elembo

Share

Copy

None

Olingi kobomba makomi na yo wapi otye elembo na baapareyi na yo nyonso? Kota to mpe Komisa nkombo