ފެށުން 40
40
ޖަލުގައި ވީ ދެ ޤައިދީއެއްގެ ދެހުވަފެން ޔޫސުފުގެފާނު ތަޢުބީރު ކޮށްދެއްވުން
1ޔޫސުފުގެފާނު ޖަލުގައި ހައްޔަރު ކުރައްވާފައި ހުންނެވި ހިނދު މިޞްރުގެ ރަސްގެފާނު ފިރުޢައުނުގެ ޝާހީ ގަނޑުވަރުގެ ދެ ޚާދިމުންނަށް ރަސްގެފާނު ހިތްޕުޅާނުވާފަދަ ގޮތަކަށް ކަންތައް ކުރެވުނެވެ. އޭގެތެރެއިން އެކަކީ ބުއިންތައް އަރުވާ މީހާއެވެ. ދެވަނަ މީހާއަކީ ފަރިއްކޮޅު ތައްޔާރުކުރާ މީހާއެވެ. 2ފިރުޢައުނު މި ދެ ޚާދިމުން ދެކެ ނުހަނު ރުޅިއައިސް މި ދެ ޚާދިމުން ޖަލުގައި ހައްޔަރު ކުރެއްވިއެވެ. 3އަދި މި ދެ ޚާދިމުން ހައްޔަރު ކުރެވުނު ޖަލަކީ ރަސްގެފާނުގެ ގަނޑުވަރުގެ ފާރަވެރިންގެ އިސްވެރިޔާގެ ގޭގައި ހުންނަ ޖަލެވެ. އަދި ޔޫސުފުގެފާނު ވެސް ހައްޔަރު ކުރެވިފައި ވަނީ މިޖަލުގައެވެ. 4ގަނޑުވަރުގެ ޖަލުގެ އިސް ފާރަވެރިޔާ ފޫޠީފާރު މި ދެ ޚާދިމުން ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. އަދި އެ ދެ ޚާދިމުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ.
5އެއްރެއަކު ރަސްގެފާނަށް ބުއިންތައް އަރުވާ ޚާދިމަށާއި އަދި ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމަށް ދެ ހުވަފެނެއް ފެނުނެވެ. ނަމަވެސް މި ދެ ހުވަފެނުގައި ވަނީ ތަފާތު ދެ މާނަ އެކެވެ. 6އަނެއްދުވަހުގެ ހެނދުނު ޔޫސުފުގެފާނު މި ދެ ޚާދިމުންގެ ގާތަށް ވަޑައިގެންނެވި އިރު މި ދެ ޚާދިމުން ކަންބޮޑުވެފައި ވަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންވިއެވެ. 7އެ ހިނދު ޔޫސުފުގެފާނު މިފަދައިން ސުވާލު ކުރެއްވިއެވެ. ”މިއަދު ތިޔަބައިމީހުން ކަންބޮޑުވެފައި ތިޔަތިބީ ކީއްވެ؟“ 8ދެ ޚާދިމުން ޖަވާބުގައި އެކަލޭގެފާނަށް ދެންނެވިއެވެ. ”އަހަރެމެން ދެމީހުންނަށް ރޭގައި ދެ ހުވަފެނެއް ފެނުނު. ނަމަވެސް އެ ދެ ހުވަފެނުގެ މާނަ އަހަރެމެން ދެމީހުންނަށް އޮޅުންފިލުވައި ދެވޭވަރުގެ މީހަކު މިތަނަކު ނެތް.“ އެ ދެ ޚާދިމުންނަށް ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ހުވަފެން ތަޢުބީރު ކޮށްދެއްވޭނޭ ހަމައެކަނި ފަރާތަކީ މާތްކަލާނގެ. ތިޔަބައިމީހުންނަށް ފެނުނު ހުވަފެން އަހަރެންނަށް ކިޔައިދީބަލަ.“
9އެހެންވެ، ރަސްގެފާނަށް ބުއިންތައް އަރުވައިދޭ މީހާ އޭނާގެ ހުވަފެން ޔޫސުފުގެފާނަށް މިފަދައިން ކިޔައިދެމުން ގެންދިޔައެވެ. ”އަހަރެންގެ ހުވަފެނުގައި އަހަރެންނަށް ފެނުނީ މޭބިސްކަދުރު ވެލެއް އަހަރެންގެ ކުރިމަތީގައި ވަނިކޮށް. 10އަދި އެވެލުގައި ތިން އޮފިގަނޑު ހުރި. އިސާހިތަކު އެ އޮފިގަނޑުން ފަތް ނުކުމެ މައު ނުކުމެއްޖެ. އެއަށް ފަހު މޭބިސްކަދުރު ދޮންވެ ތާޒާވެފައި ވަނިކޮށް ދުށީމު. 11އެ ހިނދު އަހަރެންގެ އަތުގައި ރަސްގެފާނަށް ބުއިންއަރުވާ ތަށިކޮޅު އޮތް. އެހެންވެ، އަހަރެން މޭބިސްކަދުރު ބިނުމަށް ފަހު މޭބިސްކަދުރުގެ ދިޔަ އެ ތަށިކޮޅަށް އެޅީމު. އެއަށް ފަހު އަހަރެން އެތަށިކޮޅު ފިރުޢައުނު ރަސްގެފާނަށް އެރުވީމު.“
12ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެން ތިބާއަށް އަހަރެން ތަޢުބީރު ކޮށްދޭނަން. ތިން އޮފިގަނޑު މާނަކޮށްދެނީ ތިން ދުވަސްކަމުގައި. 13ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާ މިނިވަން ކޮށްދެއްވާނެ. އަދި ތިބާގެ ނޯކިރީ ދެވަނަ ފަހަރަށް އަނބުރާ ލިބޭނެ. އަދި އިހުނެކޭ އެއްފަދައިން ރަސްގެފާނަށް ބުއިންތައް އެރުވުމުގެ ޚިދުމަތުގައި ތިބާ ހުންނާނެ. 14ތިބާ މިނިވަންވުމުން، އަހަރެންގެ މަތިން ހަނދާންކުރުމަށް އެދެން. އަހަރެންގެ މައްޗަށް އޯގާތެރިވެ އަހަރެންގެ ޚަބަރު ރަސްގެފާނަށް ނަންގަނެ ދޭތި. އަދި އަހަރެން މި ތަނުން ސަލާމަތްކޮށްދެއްވުމަށް ދަންނަވާތި. 15އަހަރެންނަކީ އަހަރެންގެ އުފަންވި ރަށް ކަމުގައިވާ ޢިބްރާނީއިން ރަހީނުކުރެވިގެން މިޞްރަށް ގެނެވުނު މީހެއް. އަހަރެން ޖަލުގައި ހައްޔަރު ކުރެވިފައި މިވަނީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫން.“
16އެއަށް ފަހު ރަސްގެފާނަށް ފަރިއްކޮޅު ތައްޔާރުކުރާ ޚާދިމު ޔޫސުފުގެފާނު ހުވަފެން ތަޢުބީރު ކޮށްދެއްވި ގޮތާއިމެދު ނުހަނު ހިތްހަމަޖެހި އޭނާގެ ހުވަފެން އެކަލޭގެފާނަށް މިފަދައިން ކިޔައިދެމުން ގެންދިޔައެވެ. ”އަހަރެންގެ ހުވަފެނުގައި ދުށީ ފޮނިކާތަކެތި އަޅާފައިވީ ތިން ވަށިގަނޑު އަހަރެންގެ ބޯމަތީގައި ވަނިކޮށް. 17އެ ވަށިގަނޑުތަކުގެ ތެރެއިން އެންމެމަތީގައި ބެހެއްޓިފައިވީ ވަށިގަނޑުގައި ހުރީ ރަސްގެފާނުގެ ފަރީއްކޮޅަށް ފިހެފައިވީ ކާތަކެތި. ނަމަވެސް އަހަރެންގެ ބޯމަތީގައި ވީ ވަށިގަނޑުގައި ހުރި ކާތަކެތި ދޫނިތައް އައިސް ކާންފެށި.“
18ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ތިޔަ ހުވަފެނުގެ ތަޢުބީރު ދައްކައިދެނީ މިފަދައިން. ތިބާއަށް ފެނުނު ތިން ވަށިގަނޑަކީ ތިން ދުވަސް. 19ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާގެ ބޯ ކަނދުރާއިން ވަކިކުރައްވާނެ! އަދި ތިބާގެ ހަށިގަނޑު މުޑިއަކަށް ނަންގަވާނެ. އެއަށް ފަހު ދޫނިތައް އައިސް ތިބާގެ މަސްތައްކާނެ.“
20ފިރުޢައުނުގެ އުފަންދުވަސް އައީ އޭގެ ތިން ދުވަސް ފަހުންނެވެ. އެހެންވީމާ ފިރުޢައުނު، އޭނާގެ އެންމެހާ ޝާހީ ޚާދިމުންނަށް ޖާފަތެއް ދެއްވިއެވެ. އަދި ފިރުޢައުނު ރަސްގެފާނަށް ބުއިންތައް އަރުވާ މީހާ އާއި ފަރިއްކޮޅު ތައްޔާރުކުރާ މީހާ ޖަލުން ނެރެގެން ޝާހީ ދަރުބާރަށް ހާޒިރު ކުރުވިއެވެ. 21އަދި ރަސްގެފާނަށް ބުއިން އަރުވާ ޚާދިމަށް މަޢާފު ދެއްވައި އިހުނެކޭ އެއްފަދައިން އޭނާއަށް ހަމަ އެ ނޯކިރީ ދެއްވިއެވެ. 22ނަމަވެސް ފަރިއްކޮޅު އަރުވާ ޚާދިމު މެރުމަށް ނިންމެވިއެވެ. އަދި އެހުރިހާ ކަމެއް ހިނގައި ދިޔައީ ޔޫސުފުގެފާނު ވިދާޅުވި ފަދައިންނެވެ. 23ނަމަވެސް ރަސްގެފާނަށް ބުއިންތައް އަރުވާ ޚާއްސަ ޚާދިމު ޔޫސުފުގެފާނުގެ މަތިން ހަނދާނެއް ނުވިއެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.