ފެށުން 4
4
ޤާއިންއާއި ހާބީލް
1އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ.#4:1 ޢިބްރާނީ ބަހުން ”ލިބުން“ މިބަހަކީ ޤާޔީން މިނަމާއި ވަރަށް ވައްތަރު ބަހެކެވެ. އަރަބި ލިޔުންތަކުގައި އާދަމްގެފާނުގެ ދޮށީ ދަރިކަލުންނަށް ކިޔާއުޅެނީ ޤާބިލް އެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“
2އެއަށް ފަހު ވެސް ޙައްވާގެފާނަށް އިތުރު ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ހާބީލްގެ ނަމުން ނަންދެއްވިއެވެ. މިދެބޭން ބޮޑުވުމަށް ފަހު ހާބީލް ކުރަންފެށި މަސައްކަތަކީ ކަންބަޅިބަކަރި ބެލެހެއްޓުމެވެ. ޤާޔީން ކުރަނީ ދަނޑުވެރިކަމެވެ.
3ދުވަސްކޮޅަކަށް ފަހު ޤާޔީން އޭނާގެ ދަނޑުގައި ހެއްދި ތަކެތީގެ ތެރެއިން ބައެއް މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުމަށްޓަކައި ގެނެސްފިއެވެ. 4ހާބީލް ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުމަށްޓަކައި އޭނާގެ ކަންބަޅިބަކަރިތަކަށް ލިބުނު ފުރަތަމަ ދަރިންތައް ކަތިލައި އޭގެ އެންމެ މަސްހުރި ރަނގަޅު ބައިތައް ގެނައެވެ. މާތްރަސްކަލާނގެ ހާބީލް އާއި، އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އޭނާ ގެނައި ތަކެއްޗާ މެދު، ރުހިވޮޑިގެންވިއެވެ. 5ނަމަވެސް ޤާޔީން އާއި އޭނާ ގެނައި ތަކެއްޗާ މެދަކު އެކަލާނގެ ރުހިވޮޑިއެއް ނުގެންނެވިއެވެ. މިކަމުގެ ސަބަބުން ޤާޔީން ވަރަށްބޮޑަށް ރުޅިއައިސް، ދެރަވެ އަދި ލަދުގެންފިއެވެ.
6ދެން މާތްރަސްކަލާނގެ ޤާޔީންއަށް ވަޙީ ކުރެއްވިއެވެ. ”ކަލޭ ތިޔަ ރުޅި އައީ ކީއްވެ؟ ކަލޭ ތިޔަ ލަދުގަތީ ކީއްވެ؟ 7ކަލޭ ވެސް ރަނގަޅަށް ކަންތައް ކުރަނީ ނަމަ ތިމަންކަލާނގެ ކަލެއާ ދޭތެރޭ ވެސް ރުހިވޮޑި ނުގަންނަވާ ނަމުތަ؟
ނަމަވެސް ކަލޭ ރަނގަޅަށް ކަންތައްތައް ނުކުރަނީ ނަމަ ކަލޭގެ ގޭގެ ދޮރުމަތީގައި ވެސް މިނިކާ ވަގެއް ފަދައިން ފާފަ އޮންނާނެ. އޭގެ ބޭނުމަކީ ކަލެއަށް ޙަމަލާދީ ކަލޭ އަތުލައިގަތުން. ކަލޭ ޖެހޭނީ އެއަށް ވުރެ ގަދަ ވާން.“
8ދެން ޤާޔީން ގޮސް އޭނާގެ ކޮއްކޮގާތު ބުންޏެވެ. ”ހިނގާ ދަނޑުތެރެއަށް ދާން.“ ދެން ދަނޑުތެރެއަށް ދެވުމުން ޤާޔީން އޭނާގެ ކޮއްކޮއަށް ހަމަލަދީ މަރާލިއެވެ.
9 މާތްރަސްކަލާނގެ ޤާއިންއަށް ވަޙީކުރެއްވިއެވެ. ”ޤާޔީން! ކަލޭގެ ކޮއްކޮ ހާބީލް ކޮބާ؟“ މީގެ ޖަވާބުގައި ޤާޔީން ދެންނެވީ މިހެންނެވެ. ”އޭނާ ވީތަނެއް މަށަކަށް ނޭނގެ. މަމީ މަގޭ ކޮއްކޮ ބަލަހައްޓާ މީހާތަ؟“
10 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ ކަލެއަށް އަދަބު ދިނުމަށް އެދި އެބަ އާދޭސް ދަންނަވާ. 11ތިމަންކަލާނގެ ކޯފާ ކަލޭގެ މައްޗަށް ލެވިގެންވޭ. ކަލޭ ކަލޭގެ ކޮއްކޮގެ ލޭ ބިންމައްޗަށް އޮހޮރުވައިފި. ބިމުގައި މީގެ ފަހުން ކަލޭ ގޮވާންކުރުމަށް ކުރާ މަސައްކަތަކުން ކަލެއަކަށް އެއްވެސް ފައިދާއެއް ނުވާނެ. 12ކަލޭ ދަނޑު ހައްދަން އުޅުނަސް ކަލެއަކަށް އެ ބިމަކުން ފައިދާއެއް ނުލިބޭނެ. ކަލޭ ވާނީ ގެދޮރުނެތި އެތަންމިތަނުގައި ލާހޫރޭ މީހަކަށް.“
13ޤާޔީން މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ތިޔަ އަދަބަކީ މިއަޅާއަށް ކެތްކުރެވޭ ވަރުގެ އަދަބެއް ނޫން. 14މިއަދު އިނބަރަސްކަލާނގެ މިއަޅާ މި ބިމުން ތިޔަ ފޮނުއްވާލައްވަނީ. އަދި މިއަދުން ފެށިގެން މިއަޅާއަށް ޖެހޭނީ އިނބަރަސްކަލާނގެ ކިބަފުޅާ ދުރުގައި ފިލައިގެން އުޅެން. މިއަޅާ ވާނީ ލާހޫރޭ މީހަކުކަމުގައި. މިއަޅާ އެފަދަ ޙާލެއްގައި ވަނިކޮށް މީހަކަށް ފެނިއްޖެ ނަމަ އެމީހަކު މިއަޅާ މަރާ ވެސް ލާނެ.“
15 މާތްރަސްކަލާނގެ އޭނާއަށް ވަޙީކުރެއްވިއެވެ. ”އެއްގޮތަކަށް ވެސް ތިޔަހެނެއް ނުވާނެ. އެއްވެސް މީހަކު ޤާޔީން މަރާލައިފިނަމަ އެމީހެއްގެ ކިބައިން އެކަމުގެ ބަދަލު ހަތް ގުނައަށް ހިފޭނެ.“ އަދި ޤާޔީން ފެންނަ އެއްވެސް މީހަކު އޭނާ މަރާނުލާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން މާތްރަސްކަލާނގެ އޭނާގެ ގައިގައި ފާހަގައެއް ޖެއްސެވިއެވެ.
16ދެން ޤާޔީން މާތްރަސްކަލާނގެ ކިބަފުޅާ ދުރަށް ގޮސް ޢަދަންގެ އިރުމަތީ ފަރާތުގައިވާ ނޫދުއޭ ކިޔުނު ސަރަހައްދުގައި ދިރިއުޅެން ފަށައިފިއެވެ.#4:16 ޢިބްރާނީ ބަހުން ”ނޫދު“ މި ބަހުގެ މާނައަކީ ބެހެމުން ދިއުމެވެ.
އާދަމްގެފާނުގެ އީމާންނުވާ ދަރިކޮޅު
17ޤާޔީން އޭނާގެ އަންހެނުންނާއިއެކު ރޭކުރިއެވެ. އޭގެފަހުން އޭނާގެ އަންހެނުން ބަލިވެ އިނދެ ޙަނޫކު ވިހެއެވެ. އޭރު ޤާޔީން ރަށެއް ބިނާކުރަމުން ދިޔައެވެ. އޭނާ އެރަށަށް ނަންދިނީ އޭނާގެ ފިރިހެން ދަރިފުޅު ޙަނޫކުގެ ނަމުންނެވެ.
18ޙަނޫކު ބޮޑުވެގެން އޭނާއަށް ލިބުނު ދަރިފުޅުގެ ނަމަކީ ޢީރާދު އެވެ. ޢީރާދު ބޮޑުވެގެން އޭނާއަށް ލިބުނު ދަރިފުޅުގެ ނަމަކީ މަޙޫޔާއީލް އެވެ. އަދި މަޙޫޔާއީލް އަކީ މަތޫޝާއީލްގެ ބައްޕައެވެ. މަތޫޝާއީލް އަކީ ލާމިކުގެ ބައްޕައެވެ.
19ލާމިކު ކައިވެނިކުރީ ދެ އަންހެނުންނާއެވެ. އެކަކުގެ ނަމަކީ ޢާދަތު އެވެ. އަނެކަކުގެ ނަމަކީ ޞިއްލަތު އެވެ. 20ޢާދަތު ވިހޭ ފިރިހެން ދަރިފުޅުގެ ނަމަކީ ޔާބާލް އެވެ. މީނާއަކީ ގެރި ބަކަރިއާއި ޖަމަލާއި ހިމާރުފަދަ ތަކެތި ބަލަހައްޓާ ފޭލިގެތަކުގައި ދިރިއުޅުނު ފުރަތަމަ މީހުންގެ ކާބަފައިކަލުންނެވެ. 21މީނާގެ ފިރިހެން ކޮއްކޮގެ ނަމަކީ ޔޫބާލް އެވެ. އޭނާއަކީ އޫދާއި#4:21 އޫދާއި އޫދު ކަމަށް ބުނެވިފައިވާ މި ބަހަކީ އިނގިރޭސި ބަހުގައި މިޔުޒިކު ކުޅުމުގައި ބޭނުންކުރާ އާލާތްތަކުގެ ތެރޭގައި ހިމެނޭ ”ހާޕް“ ފަދަ އެއްޗެކެވެ. މިއީ ނަރުފަޅާފައި އޮންނަ ލަވަޖަހާ އާލާތެކެވެ. ފުމޭއޮނުން މިޔުޒިކު ކުޅުނު ފުރަތަމަ މީހުންގެ ކާބަފައިކަލުންނެވެ.
22ޞިއްލަތުއަށް ވެސް ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ ތޫބާލްޤާޔީން އެވެ. އޭނާގެ މަސައްކަތަކީ ކަފުލޮއިންނާ ދަގަނޑުން އެކިފާޑުފާޑުގެ ތަކެތި ހެދުމެވެ. ތޫބާލްޤާއިންގެ އަންހެން ކޮއްކޮގެ ނަމަކީ ނިޢުމަތު އެވެ.
23އެއްދުވަހަކު ލާމިކު އޭނާގެ ދެ އަނބީން، ޢާދަތު އާއި ޞިއްލަތުއަށް ބުންޏެވެ.
”އަހަރެންނަށް ޙަމަލާދީ އަހަރެންގެ ހަށިގަނޑު ޒަޚަމްކޮށްލި ޒުވާނާ އަހަރެން މަރާލައިފިން.
24ޤާޔީންގެ މަރުގެ ދިޔައަކަށް ހަތް ފުރާނަ ހިފި ނަމަ، އަހަރެންގެ މަރުގެ ދިޔައަކަށް ހަތްދިހަ ހަތްފުރާނެ ދޭން ޖެހޭނެ.“
އާދަމްގެފާނުގެ އީމާންވި ދަރިކޮޅު
25އާދަމްގެފާނު ޙައްވާގެފާނާއި އެކު ރޭކުރެއްވުމަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވައި އެހެން ފިރިހެން ދަރިކަލަކައިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޙައްވާގެފާނު ޝީޘްއޭ ވިދާޅުވެ ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”ޤާޔީން ހާބީލް މަރާލި. އެކަމަކު މިހާރު ހާބީލްގެ ބަދަލުގައި މާތްކަލާނގެ އަނެއްކާވެސް އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.“#4:25 ޢިބްރާނީ ބަހުން ޝީޘް މިނަމަކީ ”ދިނުން“ މިބަހާއި ވަރަށް ވައްތަރު ބަހެކެވެ.
26ޝީޘްގެފާނަށް ވެސް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދަރިކަލުންނަށް ދެއްވި ނަމަކީ އަނޫޝްއެވެ. އެދުވަސްވަރު އިންސާނުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައި ޔަހޫވޭ މި ނަންފުޅުން މުޚާތަބު ކުރަން ފެށިއެވެ.#4:26 ޔަހޫވޭ މި ނަންފުޅަކީ މީސްތަކުން އެކަލާނގެއާ ގާތްގުޅެއް ބޭއްވުމަށް މުޚާތަބު ކުރާ ޢިބްރާނީ ނަންފުޅެކެވެ. މިނަންފުޅު ކިޔާނެ ގޮތެއް އެއްވެސް ބަޔަކަށް މިހާރަކު އެނގޭކަމަކަށް ނުވެއެވެ. ދިވެހި ތަރުޖަމާގައި މި ބަސްފުޅުގެ ބަދަލުގައި އާންމުކޮށް ލިޔެވިފައި ވާނީ މާތްރަސްކަލާނގެ މިފަދައިންނެވެ.
હાલમાં પસંદ કરેલ:
ފެށުން 4: ކމ
Highlight
શેર કરો
નકલ કરો
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.