YouVersion Logo
Search Icon

މައްތާ 3

3
ޔަޙުޔާގެފާނުގެ މަސައްކަތްޕުޅު
1‏-2އެދުވަސްވަރު ޖުދެއާ ސަހަރާގެ ތެރެއިން ޔަޙުޔާގެފާނު#3‏:1‏-2 ޔަޙުޔާގެފާނު މިތަނުގައި ޔަޙުޔާގެފާނުއޭ ލިޔެވިފައި މިވަނީ އެ ނަބީކަލޭގެފާނުގެ ނަންފުޅު އާންމު ވެފައި ވަނީ އެގޮތުގައި ކަމަށްވާތީއެވެ. އެހެންނަމަވެސް އަބްރާނީ ބަހުން އެނަމަކީ ޔޫޙަންނާ އެވެ. މީސްތަކުންނަށް ގޮވާލައްވަމުން ގެންދެވިއެވެ. ”⁠ތައުބާވޭ! ސަބަބަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކައިރީގައި ކަމަށް ވާތީ.⁠“#3‏:1‏-2 ގްރީކް ބަހުން މިބަސް ބޭނުން ކުރަނީ އުޑުގެ ރަސްކަންފުޅަށެވެ. އެހެނަސް ބަނީއިސްރާއީލުން ”⁠އުޑުގެ⁠“ ބޭނުން ކުރަނީ ނުސީދާ ގޮތުން ”⁠މާތްރަސްކަލާނގެ⁠“ ކިބަފުޅަށެވެ. 3ޔަޝަޔާޙުގެފާނުގެ ބަސްފުޅުތަކުގައި އެ އިޝާރާތް ކުރައްވާފައި ވާ ނަބިއްޔަކީ ޔަޙުޔާގެފާނެވެ. ޔަޝަޔާޙުގެފާނު ވިދާޅުވިއެވެ:#3‏:3 ޔަޝަޔާޙުގެފާނު މެދުވެރި ކުރައްވައި މާތްރަސްކަލާނގެ މި ބަސްފުޅު ފައުޅު ކުރައްވާފައި ވަނީ ޔަޙުޔާގެފާނު އުފަންވެ ވަޑައިގެންނެވުމުގެ 700 އަހަރަކު ކުރީންނެވެ.#އިޝަޢުޔާ 40‏:3
”⁠މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން މީހަކު ގޮވަމުން ދާނެއޭ:
’⁠މާތްރަސްކަލާނގެއަށްޓަކާ މަގެއް ތައްޔާރުކުރޭ!
އަދި އެ މަގު ސީދާ މަގަކަށް ހަދާ!⁠‘⁠“
4ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވީ ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅެކެވެ. އަދި އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ގޮއްފުޅަނތްގާއި ރޯ މާމުއި ފަރިއްކުޅުއްވިއެވެ. 5ޖެރޫސަލަމުންނާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރު ވަށައިގެންވީ ސަރަހައްދުތަކުން އެތައްބައިވަރު މީހުންނެއް އެކަލޭގެފާނުގެ އަރިހަށް އައެވެ. 6އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.
7ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟ 8ކަލޭމެންގެ އަމަލުތަކުންނާއި، އަދި ދިރިއުޅުމުން ކަލޭމެން ތައުބާވެއްޖެކަން ސާބިތުކޮށްދީ! 9ކަލޭމެން ތިމަންމެންގެ ބަފައިކަލުންނަކީ އިބްރާހީމްގެފާނުއޭ ހަމައެކަނި ބުނެލުމަކުން ނުފުދޭނެ. އަހަރެން ކަލޭމެންނަށް ބުނަން. މާތްރަސްކަލާނގެ އެދިވޮޑިގެންވާނަމަ މިހިރަ ހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިފަސްކޮޅު އުފެއްދެވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެގެންވޭ. 10މިހާރު ވެސް ފުރޯ ތައްޔާރު ވެފައި ވަނީ ގަހުގެ މުލުން ގަސް ކަނޑައިލުމަށް ޓަކައި. އަދި ރަނގަޅު މޭވާ ނުލިބޭ ކޮންމެ ގަހެއް ކަނޑައި ކުދިކޮށް ކޮށައި އަލިފާނަށް އެއްލާލެވޭނެ.
11ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން. 12އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.⁠“
އީސާގެފާނު ޔަޙުޔާގެފާނު ލައްވައި ހިނަވައިގެންނެވުން
13އެދުވަސްތަކުގައި އީސާގެފާނު ގަލީލީގެ ސަރަހައްދުން ޔަޙުޔާގެފާނުގެ އަރިހަށް އުރުދުން ކޯރަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ތައުބާގެ ހިނެވުމުން ހިނަވައިދެއްވުމަށް ޔަޙުޔާގެފާނުގެ އަރިހުން އެދިވަޑައިގަތެވެ. 14ނަމަވެސް ޔަޙުޔާގެފާނު އެކަންތައް ހުއްޓުމަށް ޓަކައި މަސައްކަތް ކުރެއްވުމުގެ ގޮތުން ދެންނެވިއެވެ. ”⁠ކަލޭގެފާނު އަޅުގަނޑުގެ ކައިރިއަށް ތައުބާގެ ހިނެވުމުން ހިނައިގެންނެވުމަށް ޓަކައި ތިޔަ ވަޑައިގެންނެވީ ކީއްވެ؟ އަޅުގަނޑު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދިވަޑައިގަންނަވަމު!⁠“
15އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މި ހިނދު މި ގޮތަށް އަމަލު ކުރައްވަމާ ހިންގަވާ. އަހަރެމެން އެންމެހާ ކަންތައްތައް ކޮށް އުޅެނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން.⁠“ ދެން އީސާގެފާނު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ޔަޙުޔާގެފާނު އެއްބަސްވެ ވަޑައިގެންނެވިއެވެ.
16އީސާގެފާނު ތައުބާގެ ހިނެވުމުން ހިނައިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފެންގަނޑުތެރެއިން މައްޗަށް އަރާ ވަޑައިގެންނެވި ހިނދު އުޑު ހުޅުވިގެން ދިޔައެވެ. އަދި ހުދު ކޮތަރެއް ފަދައިން މާތްރަސްކަލާނގެ މާތްރޫޙުފުޅު އެ ކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތެވެ. 17އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“

Currently Selected:

މައްތާ 3: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in