މައްތާ 22
22
ކައިވެނީގެ ވަލީމާގެ މާނަފުން ވާހަކަ
1މާނަފުން ވާހަކައިން އީސާގެފާނު މީސްތަކުންނަށް އިތުރަށް އުނގަންނަވައި ދެއްވަން ފެއްޓެވިއެވެ. 2އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު އެއީ ރަސްކަލަކު އޭނާގެ ފިރިހެން ދަރިފުޅަށް ތައްޔާރު ކޮށްދިން ކައިވެނީގެ ޖާފަތެއް ފަދަ. 3އެ ކައިވެނީގެ ޖާފަތަށް ބައެއް ފަރާތްތަކަށް ރަސްގެފާނު ދަޢުވަތު ދެއްވި. އެ ކައިވެނީގެ ޖާފަތް ތައްޔާރުވި ހިނދު، މީސްތަކުންނަށް އެކަން އެންގުމަށް ރަސްގެފާނު އޭނާގެ ނޯކަރުން ފޮނުވީ. ނަމަވެސް އެބައިމީހުން އެ ޖާފަތަށް އައުމަށް އިޢުތިރާޒުކުރި.
4އެއަށް ފަހު ރަސްގެފާނު އޭނާގެ އެހެނިހެން ނޯކަރުންނަށް މިފަދައިން ބުނެ ފޮނުވީ. ’ދަޢުވަތު ދެވުނު ހުރިހާ އެންމެންގެ ކައިރިއަށް ގޮސް ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތް ތައްޔާރު ވެއްޖެއޭ ބުނޭ. އެންމެ މަސްފަލަ ފިރިހެން ގެރި އާއި، ޅަ ގެރި ކަތިލައި ތައްޔާރު ކޮށްފީމޭ. އަދި ހުރިހާ ތަކެއްޗެއް ވެސް ހުރީ ތައްޔާރުވެފައޭ. ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ވަލީމާއަށް އަންނާށޭ.‘
5ނަމަވެސް އެ ނޯކަރުންގެ ވާހަކަތަކަށް މީސްތަކުން ސަމާލުކަމެއް ނުދީ އެހެން ކަންތައްތައް ކުރުމުގައި އެމީހުންވި. އެއްބަޔަކު އެމީހުންގެ ދަނޑުތަކުގައި މަސައްކަތް ކުރުމަށް ދިޔަ. އަނެއްބަޔަކު، އެބައިމީހުން ވިޔަފާރިކުރާ ތަނުގައި މަސައްކަތް ކުރުމަށް ދިޔަ. 6ބައެއް މީސްތަކުން ނޯކަރުން އަތުލައިގަނެ ތަޅާ އަނިޔާކޮށް އެމީހުން މަރާލި. 7މިކަމާއި ރަސްގެފާނު ވަރަށް ބޮޑަށް ރުޅިއައިސް އެ ގާތިލުން ގަތުލު ކުރުމަށް އޭނާގެ ލަޝްކަރެއް ފޮނުވީ. އަދި އެ ސަހަރު ވެސް އަންދައިލުމަށް އެންގި.
8އެއަށް ފަހު އޭނާގެ ނޯކަރުންނަށް ބުނުއްވި. ’މިއީ ކައިވެނީގެ ޖާފަތުގެ ވަގުތު. ނަމަވެސް ދަޢުވަތު ދެވުނު މެހުމާނުންނަކީ އައުމަށް އެކަށީގެންވާ ބައެއް ނޫން. 9އެހެންވެ މަގުތަކުގައިވާ ހަތަރު އަނގޮޅިތަކުގެ ކަންމައްޗަށް ދޭ. އަދި ފެނުނު ކޮންމެ މީހެއްގެ ކައިރީގައި ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތަށް އަންނާށޭ ބުނޭ.‘ 10ދެން ނޯކަރުން މަގުތަކުގެ ހަތަރު އަނގޮޅިތަކަށް ގޮސް އެމީހުންނަށް ފެނުނު ކޮންމެ މީހަކު އެއްތަން ކުރި. ރަނގަޅު މީހުންނާއި ނުބައި މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ. އަދި އެ ކައިވެނީގެ ޖާފަތް އޮތް މާލަން ތެރެއަށް މެހުމާނުން ވަދެ މުޅި ތަން ވަނީ ފުރިފަ.
11ރަސްގެފާނު މެހުމާނުންގެ ތެރެއަށް އައިސް ބަލާލި ހިނދު، ކައިވެނީގެ ވަލީމަތަކަށް އެކަށީގެންނުވާ ފަދަ ހެދުމެއްގައި ހުރި މީހަކު ދުށް. 12ރަސްގެފާނު އެމީހާއަށް ބުނުއްވި. ’ރަޙުމަތްތެރިޔާ، ތިބާއަށް މިތަނަށް އައުމުގެ ހުއްދަ ލިބުނީ ކިހިނަކުން؟ ތިބާ ހެދުން އަޅައިގެން ތިޔަހުރީ ކައިވެނީގެ ވަލީމާތަކަށް އެކަށީގެންވާ ހެދުމެއް ނޫން.‘ ނަމަވެސް އެމީހާ އެއްވެސް އެއްޗެއް ނުބުނެ ހަނު ހިމޭނުން ހުރި. 13އެހެންވެ ރަސްގެފާނު އޭނާގެ ބައެއް ނޯކަރުންނަށް ބުނުއްވި. ’މި މީހާގެ އަތާއިފައި ބަނދޭ. މީނާ ބޭރުގެ އަނދިރި ގަނޑުގެ ތެރެއަށް އެއްލާލާ! އެއީ އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ ތަނެއް.‘
14ގިނަބަޔަކަށް ދަޢުވަތު ދެވުނު، އެކަމަކު ޚިޔާރު ކުރެވުނީ ވަރަށް މަދު ބައެއް.“
ކައިސަރަށް ޓެކްސް ދެއްކުމަކީ ރަނގަޅުކަމެއް ހެއްޔެވެ؟ ނޫނީ ގޯސްކަމެއް ހެއްޔެވެ؟
15އެއަށް ފަހު ފަރީސީން އެތަނުން ދިޔައެވެ. އަދި އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅިއެއްގައި ޖެއްސެވުމަށް ޓަކައި އެބައިމީހުން އެއްވެ ތިބެ ރޭވިއެވެ. 16އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް. 17މިހެން ކަމުގައިވާނަމަ ކައިސަރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟“#22:17 މިއީ ދަންތުރައެއްގައި ޖެއްސުމުގެ ގޮތުން ބުނާ ބުނުމެކެވެ. އީސާގެފާނު ކައިސަރަށް ޓެކްސް ދައްކަން ޖެހޭނޭ ކަމުގައި ވިދާޅުވެއްޖެ ނަމަ ކާފަރު ރަސްކަލަކަށް ތާއީދު ކުރައްވާ ކަމުގެ ތުހުމަތު އަޅުވައި އެމީހުން މީސްތަކުން އެކަލޭގެފާނަށް އީމާން ވިޔަކަ ނުދޭނެއެވެ. އަދި ޓެކްސް ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ވިދާޅުވެއްޖެނަމަ ކައިސަރުގެ ފަރާތުން ހެރޮދު ރަސްގެފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ހެރޮދު ރަސްގެފާނަށް ތާއީދުކުރާ ފަރާތްތަކުން އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަކޮށްލުމަށް ޙުކުމް ކުރާނެއެވެ.
18ނަމަވެސް އެމީހުންގެ މަގުސަދަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން ހުންނަވާ އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މުނާފިޤުންނޭ! ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟ 19ޓެކްސް ދެއްކުމަށް ޓަކައި ތިޔަ ގެންގުޅޭ ފައިސާ ފޮތި އަހަރެންނަށް ދައްކަބަލަ.“ އެބައިމީހުން އެކަލޭގެފާނަށް އެ ފައިސާ ފޮތި ދެއްކިއެވެ. 20އީސާގެފާނު ވިދާޅުވިއެވެ. ”މި ފައިސާ ފޮތީގައި މިވަނީ ކާކުގެ ތަސްވީރަކާއި ނަމެއްތަ؟“
21އެބައިމީހުން ޖަވާބު ދެއްވިއެވެ. ”ކައިސަރުގެ.“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކައިސަރުގެ ތަކެތި ކައިސަރުއަށް ދީ. މާތްރަސްކަލާނގެ ކިބަފުޅަށް މިލްކުވެގެންވީ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށަހަޅާ.“ 22އީސާގެފާނު ވިދާޅުވި އެ ބަސްފުޅު އެބައިމީހުންނަށް އިވުމުން އެބައިމީހުން އަޖައިބު ވިއެވެ. އަދި އެކަލޭގެފާނު ދޫކުރައްވާ އެތަނުން ދުރަށް ދިޔައެވެ.
ޤިޔާމަތާއި ބެހޭގޮތުން ސުވާލު ކުރެއްވުން
23ސާދުސީން ގަބޫލުކުރާ ގޮތުގައި މަރުވާ މީހުން އަލަކުން ނުދިރޭނެ އެވެ. ހަމަ އެދުވަހު ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. 24އެބައިމީހުން ދެންނެވިއެވެ. ”އެދުރުކަލޭގެފާނު! ކައިވެނި ކޮށްގެން ތިއްބާ ފިރިމީހާ ނިޔާވި ހިނދު ދަރިއަކު ލިބިފައިނުވާ ހުވަފަތް އަންހެނާ އާއި ނިޔާވި މީހާގެ އަޚާއި ކައިވެނި ކޮށްގެން އޭނާއަށް ދަރިން ހޯދައިދޭންޖެހޭނޭ ކަމަށް ތައުރާތުގައި މޫސާގެފާނު ވިދާޅުވޭ.#ދަތުރުނާމާ 25:5 25އެއްދުވަސްވަރެއްގައި އަހަރެމެންގެ ތެރޭގައި ހަތް ބެއިން ތިބި. ދޮށީ ފިރިހެނާ ކައިވެނިކުރި. އަދި އޭނާ ނިޔާވި. އޭނާގެ ދަރިއަކު ނެތް. ހުވަފަތް އަންހެނާ އާއި ދެވަނައަށް ހުރި ކޮއްކޮ ކައިވެނިކުރި. 26އޭނާ ވެސް ނިޔާވި. ހަމައެފަދައިން ތިންވަނަ ކޮއްކޮއަށް ވެސް ކަންތައްދިމާވި. އަދި އެހެނިހެން ކޮއްކޮމެންނަށް ވެސް ކަންތައްތައް ދިމާވީ ހަމަ އެފަދައިން. 27އެންމެފަހުން އެ އަންހެނާ ނިޔާވި. 28އެ ހުރިހާ ބެއިން އޭނާ އާއި ކައިވެނި ކުރި. ވީއިރު ޤިޔާމަތް ދުވަހުން މި އަންހެނާ ވާނީ ކާކުގެ އަނތްބަކަށްތޯ؟“
29އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ތިޔަބައިމީހުން ތިތިބީ އޮޅުމެއްގެ ތެރޭގައި! އެހެނީ ތިޔަބައިމީހުންނަކަށް މުޤައްދަސް ފޮތުގައިވާ އެއްޗެއް ނުވެސް އެނގޭ. އަދި ތިޔަބައިމީހުންނަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ވެސް ނޭނގޭ. 30މަރުވުމަށް ފަހު އަލުން ދިރޭނެ މީހުން ކައިވެންޏެއް ނުކުރާނެމެ. އެބައިމީހުންނީ ސުވަރުގޭގައި ތިބި މަލާއިކަތުންފަދަ ބައެއް. 31ނިޔާވުމަށް ފަހު ދިރިދުނިޔެއަށް އައުމާމެދު މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލައްވާފައިވާ ފޮތް ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުން ވެސް ކިޔާފައި. 32މާތްރަސްކަލާނގެ ވަޙީކުރައްވާފައިވޭ. ’ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ވެސް އަޅުކަންކުރާ ރަސްކަލާނގެ އޭ.‘#ނެރުއްވުން 3:6 މާތްރަސްކަލާނގެއީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން. އެކަލާނގެއީ ދިރިތިބި މީހުންގެ ކަލާނގެ.“
33އެބައިމީހުންނަށް މި ބަސްފުޅު އިވުނު ހިނދު، އީސާގެފާނުގެ އުނގަންނަވައި ދެއްވުންތަކާއި މެދު އެބައިމީހުން އަޖައިބުވިއެވެ.
އެންމެ މުހިންމު އަމުރުފުޅު
34އީސާގެފާނު ސާދުސީނުންގެ އަނގަ ބަންދުކޮށްލެއްވި ގޮތް ފަރީސީންނަށް އެނގުމުން އެބައިމީހުން އެއްތަންވިއެވެ. 35ފަރީސީނުގެ ތެރޭގައި ތައުރާތުގެ އަމުރުފުޅުތަކަށް ވަރަށް ގާބިލު މީހަކު ވިއެވެ. އީސާގެފާނު އިމްތިޙާނު ކޮށްލެއްވުމުގެ ގޮތުން އޭނާ އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. 36”އެދުރުކަލޭގެފާނު! ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އަމުރުފުޅަކީ ކޮބައިތޯ؟“
37އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ ދެކެ ތިޔަބައިމީހުންގެ މުޅި ހިތުންނާއި މުޅި ފުރާނާއިން އަދި މުޅި ބުއްދިންމެ ލޯބިވުން.#ދަތުރުނާމާ 6:5 38މިއީ އެންމެ ބޮޑު އަދި އެންމެ މުހިންމު އަމުރުފުޅު. 39އަދި ދެވަނަ އަމުރުފުޅަކީ ފުރަތަމަ އަމުރުފުޅެކޭ ދާދި އެއްފަދަ އަމުރުފުޅެއް. އެއީ ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވުން.#ލާވީން 19:18 40އެންމެހާ އަމުރުފުޅުތަކާއި ނަބީބޭކަލުންގެ ލިޔުއްވުންތައް ބިނާވެފައި ވަނީ މި ދެ އަމުރުފުޅުގެ މައްޗަށް.“
އީސާގެފާނު ފަރީސީންނާއި ސުވާލު ކުރެއްވުން
41ފަރީސީން އެއްތަންވުމުން އީސާގެފާނު އެމީހުން ކުރެން އެއްސެވިއެވެ. 42”އަލްމަސީޙާއި މެދު ތިޔަބައިމީހުން ދެކެނީ ކިހިނަކުން؟ އެކަލޭގެފާނަކީ ކޮންފަރާތެއްގެ ދަރިކަލެއް؟“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ ބޭކަލެއް.“
43ދެން އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”ތިހެންވީއިރު ދާއޫދުގެފާނު އެކަލޭގެފާނަށް މާތްސާހިބާ ކަމުގައި ވިދާޅުވީ ކީއްވެ؟ މާތްރަސްކަލާނގެ ރޫޙުފުޅުން ހިދާޔަތް ދެއްވައިގެން އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ.
44’މާތްސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ.
އެއީ ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ.
ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.‘#ޒަބޫރު 110:1
45ދާއޫދުގެފާނު އެކަލޭގެފާނަށް މުޚާތަބު ކުރައްވަނީ މާތްސާހިބާގެ ނަންފުޅުގަ. އެހެންވީމާ އެކަލޭގެފާނު ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟“
46އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.
Currently Selected:
މައްތާ 22: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.