YouVersion Logo
Search Icon

ޔޫޙަންނާ 10

10
ރަނގަޅު ހެޔޮ ބަކަރި ހުއިހައްޕާ މީހާ
1އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެންގެ ގާތު ބުނަންތަ؟ ކަންބަޅި ބަކަރި ކޮއްޓަކަށް ދޮރު ނޫން އެހެން ދިމާއަކުން އަރައިގެން ވަންނާނީ ވައްކަންކުރަން ވަންނަ ވަގެއް. 2އެހެނީ ދޮރުން ވަންނަން އަންނާނީ އެ ކަންބަޅިތައް ހުއިހައްޕާ މީހާ. 3އެތަން ބަލަހައްޓާ ދޮރުވާނު އެމީހާ ވަނުމަށް ދޮރު ހުޅުވާދޭނެ. ހުއިހައްޕާ މީހާގެ އަޑު އޭނާގެ ކަންބަޅިތަކަށް އެނގޭނެ. އޭނާ އޭނާގެ ކަންބަޅިތަކަށް އޭގެ ނަމުން ގޮވާ އެތަނުން ނެރޭނެ. 4އެކަންބަޅިތައް އެތަނުން ނެރެގެން އޭނާ އެ އެއްޗެހި ފަހަތުލައިގެން ދާނެ. އަދި އެކަންބަޅިތައް އޭނާގެ ފަހަތުން ދާނެ. އެއީ އެ އެއްޗެއްސަށް އޭނާގެ އަޑު އެނގޭތީ. 5އެ ކަންބަޅިތައް އެއެއްޗެހި ނުދަންނަ މީހަކާއި އެއްކަކު ނުދާނެ. އެއެއްޗެހި އެ މީހަކާ ދުރަށް ދުވެ ހިނގައިދާނެ. އެއީ އެމީހާގެ އަޑަކީ އެ ކަންބަޅިތައް ނުދަންނަ އަޑަކަށް ވީމާ.⁠“
6އީސާގެފާނު މި މިސާލު ބޭނުން ކުރައްވައި ވިދާޅުވި މި ވާހަކައިގެ މާނަ އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއެހި މީހުންނަކަށް ނުވިސްނުނެވެ.
ރަނގަޅު ހެޔޮ ހުއިހައްޕާ މީހާއަކީ އީސާގެފާނު
7އެހެން ކަމުން އެކަލޭގެފާނު މި ބަސްފުޅުތައް މާނަކޮށް ދެއްވުމުގެ ގޮތުން ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ކަންބަޅި ބަކަރި ވަދެ ނުކުމެވާ ދޮރަކީ އަހަރެން. 8އަހަރެންގެ ކުރިން އައި އެންމެންނަކީ ދޮގުވެރިން ފޭރި ވައްކަން ކުރަން އައި މީހުން. ނަމަވެސް ކަންބަޅި ބަކަރިތައް އެމީހުންގެ ބަހެއް ނޭހި. 9އަހަރެން މިއީ ދޮރު. އަހަރެން މެދުވެރިކޮށް ވަންނަ މީހުންނަށް ދިންނެވުން ލިބޭނެ. އަދި އެމީހުން ކޮންމެ ތާނކަށް ދިޔަ ނަމަވެސް އެތަނުގައި އެމީހުންނަށްޓަކައި ފެހިވިނައިގެ ދަނޑުތައް ފެންނާނެ. 10ވަގަކު ވަންނާނީ ވައްކަންކޮށް މަރައި ނެތިކުރަން. ނަމަވެސް އަހަރެން މިއައީ ދިރިހުރުން އޭގެ އެންމެ ފުރިހަމަ މާނައިގައި ދިނުމަށް.
11ހަމަ އެހެންމެ އަހަރެން މިއީ ރަނގަޅު، ޙަޤީޤީ ހުއިހައްޕާ މީހާ. ރަނގަޅު ހުއިހައްޕާ މީހާ އޭނާގެ ކަންބަޅިތަކަށްޓަކައި އޭނާގެ ފުރާނަ ވެސް ދޭނެ. 12ހުއިހެއްޕުމަށް އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ވަލުހިޔަޅެއް އަންނަތަން ފެންނައިރަށް ބަކަރިތައް ދޫކޮށްލާފައި ދުވެފިލާފާނެ. އެއީ އެ ކަންބަޅިތަކަކީ އޭނާގެ އެއްޗެއްސަށް ނުވާތީ. އަދި އެއީ އެ އެއްޗެހީގެ ޙަޤީޤީ ހުއިހައްޕާ މީހާ ނޫން ވީމާ. ދެން ވަލުހިޔަޅު ކަންބަޅިތަކާއި ޙަމަލާދީ އެ އެއްޗެތި ވިއްސިވިހަވާލި ކޮށްލާނެ. 13އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ދުވެ ފިލާނީ. އެއީ އޭނާއަކީ ހަމަ އެކަނި އޭނާއަށް ލިބޭ މުސާރައަށްޓަކައި މަސައްކަތް ކުރާ މީހެއް ކަމުން. އެއީ އެކަންބަޅިތަކުގެ މައްޗަށް އޭނާގެ ހިތުގައި އެއްވެސް ރަޙުމެއް ނުވާތީ.
14ހުއިހައްޕާ ޙަޤީޤީ މީހާއަކީ އަހަރެން. އަހަރެންގެ ކަންބަޅިތައް އަހަރެންނަށް އެނގޭ. އަދި އެ އެއެއްޗިހި އަހަރެން ވެސް ދަނޭ. 15ބައްޕާފުޅު އަހަރެން ދެނެވޮޑިގެންވޭ، އަހަރެން ބައްޕާފުޅު ވެސް ދަންނަން. ހަމަ އެފަދައިން އަހަރެންނާއި އަހަރެންގެ ކަންބަޅިތައް ވެސް އެކަކު އަނެކަކު ދަނޭ. އަދި އެ އެއްޗެއްސަށްޓަކައި އަހަރެން އަހަރެންގެ ފުރާނަވެސް ދޭނަން. 16މިބައިގައި ނުހިމެނޭ އެހެން ކަންބަޅިތައް ވެސް އަހަރެންނަށް ލިބިގެންވޭ. އެ އެއްޗިހިވެސް އަހަރެންގެ ކައިރިއަށް އަހަރެން ގެންނާނަން. އެ އެއްޗެއްސަށް ވެސް އަހަރެންގެ އަޑު އެނގޭނެ. އޭރުން ހުންނާނީ އެންމެ ހުއިހައްޕާ މީހެއް. އަދި ތިބޭނީ ވެސް ކަންބަޅިތަކުގެ އެއްބައިގަނޑެއް.
17އަދި އަހަރެންގެ ފުރާނަ އަނބުރާ ލިބިގަތުމަށްޓަކައި އަހަރެންގެ ފުރާނަ ދޫކޮށް ލާނޭތީ ބައްޕާފުޅު އަހަރެން ދެކެ ލޯބިވެވޮޑިގެންވޭ. 18އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.⁠“
19އީސާގެފާނުގެ މި ބަސްފުޅުތަކުގެ ސަބަބުން އަނެއްކާވެސް ބަނީއިސްރާއީލު މީހުންގެ މެދުގައި ބަހުސް އުފެދި ދެބަސްވުން އުފެދުނެވެ. 20އޭގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠އޭނާ އެހެރީ ޖިންނި މޮޔަވެފަ. އެކަހަލަ މީހަކު ދައްކާ ވާހަކަ އަހަރެމެން އަޑުއަހަންވީ ކީއްކުރަން؟⁠“ 21ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠މިބަސްތަކަކީ ޖިންނި އަވަލާފައި ހުންނަ މީހަކު ބުނާނެ ކަހަލަ ބަސްތަކެއް ނޫން. އެހެން ނޫނަސް ޖިންނިއަކަށް ލޯ އަނދިރި މީހެއްގެ ލޮލުގެ އަލިކަން އަނބުރާ ގެނެސް ދެވިދާނެ ތަ؟⁠“
ބަނީއިސްރާއީލު މީހުން އީސާގެފާނާއި ދެކޮޅުވި
22އީސާގެފާނު ހަނުއްކާހުގެ ޢީދުގެ ދުވަސްވަރު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. 23އޭރު އެއީ ފިނިމޫސުމެވެ. މީގެ ތެރެއިން ދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައިވާ ސުލައިމާނުގެފާނުގެ ފެންޑާއޭ ކިޔުނު ތަނުގައި ހިންގަވާ ވަޑައިގެންނެވިއެވެ. 24އެވަގުތު ބަނީއިސްރާއީލުގެ ވެރިން އެކަލޭގެފާނު ވަށާލައި ކުރި ބައްދާފަ ބުންޏެވެ. ”⁠ކަލޭ ތިޔަ އުޅެނީ އަހަރެމެން މި ގޮތަށް ޝައްކުމަތީ ކިހާ ދުވަހަކު ބައިތިއްބަން ކަމަށްތަ؟ ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ނަމަ ސާފުކޮށް ބުނެބަލަ.⁠“
25އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠އަހަރެން ބުނެފީމެންނު. އެކަމަކު ކަލޭމެން އަހަރެންގެ ބަހެއް ގަބޫލެއް ނުކުރޭ. އަހަރެން ބައްޕާފުޅުގެ ހުއްދަ އާއި ބާރާއި އެކު މިކުރާ ކަންތައްތަކުން ވެސް އަހަރެން މީ ކާކުކަން އެބަ ބުނެދޭ. 26ނަމަވެސް ކަލޭމެން ތިޔައީ އަހަރެންގެ ބައެއް ނޫން. އެހެންވެ ކަލޭމެން އެ ކަންތަކެއް ގަބޫލެއް ނުކުރޭ. 27އަހަރެންގެ މީހުންނަކީ ކަންބަޅި ތަކެއްފަދައިން އަހަރެންގެ އަޑު އަހައި ކިޔަމަންވާ ބައެއް. އަދި އަހަރެން ވެސް އެ މީހުން ދަންނަން. އެމީހުން އަހަރެންގެ ފަސްފަހަތުން ހިނގާނެ. 28އަހަރެން އެމީހުންނަށް ނިމުންނުވާ ދިރިހުރުން ދެން. އެހެންކަމުން އެމީހުން އެއީ ފަނާވެދާނެ ބައެއް ނޫން. އަދި އެއްވެސް މީހަކަށް އެމީހުން އަހަރެންގެ އަތުން ޖަހައެއް ވެސް ނުގަނެވޭނެ. 29އަހަރެންގެ ބައްޕާފުޅު ވަނީ އެމީހުން އަހަންނަށް ދެއްވާފައި. އެކަލާނގެއަކީ އެންމެ ބާރު ގަދަ ފަރާތް. އެކަކަށް ވެސް ބައްޕާފުޅުގެ އަތްޕުޅު ދަށުން އެމީހުން ޖަހައެއް ނުގަނެވޭނެ. 30ބައްޕާފުޅާއި އަހަރެންނާއި މިއީ އެކައްޗެއް.⁠“
31އަނެއްކާވެސް ބަނީއިސްރާއީލު މީހުން އީސާގެފާނުގެ އަވަހާރަކޮށްލުމުގެ ގަސްތުގައި ހިލަބުރިތައް ނެގިއެވެ. 32ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު އެންގެވި ގޮތުގެ މަތިން އަހަރެން ކަލޭމެންނަށް އެތައް ރަނގަޅު ކަންތަކެއް އަންގާދީ ދައްކައި ދިނިން. ވީއިރު ކަލޭމެން އަހަރެން މަރާލަން ތިޔަ އުޅެނީ އެކަންތައްތަކުގެ ތެރެއިން ކޮންކަމެއްގެ ސަބަބުންތަ؟⁠“
33”⁠އަހަރެމެން ކަލޭ މަރާލަން މި އުޅެނީ ކަލޭ ކުރި ހެޔޮ ކަމަކާ ހެދިއެއް ނޫން. އެއީ ކަލޭ ކުފުރުގެ ބަސްތައް ބުނީތީ! ކަލޭ ތީ ހަމަ އިންސާނެއް. އެކަމަކު ކަލޭ ތިޔަ އުޅެނީ ކަލާނގެ ކަމަށް ހެދެން!⁠“
34އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ފޮތްތަކުގައި ވެސް ލިޔެވިގެންވޭ. މާތްރަސްކަލާނގެ ކަލޭމެންގެ ވެރިން ކަމުގައި ވީ ބައެއް މީހުންނަށް ވެސް މިފަދައިން ވަޙީކުރެއްވި. ’⁠ކަލޭމެން ވެސް ތިޔައީ ކަލުންނޭ.⁠‘#10‏:34 ޒަބޫރުގެ 82 ވަނަ މަދަޙަ އަދި ހަވަނަ އާޔަތުގައި މާތްރަސްކަލާނގެ ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބައެއް މީހުންނަށް ”⁠ކަލޭމެން ވެސް ތިއީ ކަލުންނޭ⁠“ ވަޙީކުރެއްވިއެވެ. އޭގެ މާނައަކީ އެމީހުންނަކީ މާތްރަސްކަލާނގެއާ އެއްފަދަ ބައެއް ކަމަކަށެއް ނޫނެވެ. އެއީ އެކަލާނގެ މީސްތަކުންނާއި މެދު ހިސާބުބައްލަވާ ފަދައިން އެމީހުންނަށް ވެސް ވަނީ މީސްތަކުންނާ މެދު ޝަރީއަތްކޮށް ކަންތައް ނިންމުމުގެ ބާރާއި ހުއްދަ ދެއްވާފައެވެ.
35އަހަރެމެންނަށް އެނގޭ ފަތްފުށްތަކުގައި ލިޔެވިފައިވާ ލިޔުންތަކަކީ ދުވަހަކު ވެސް ބަދަލެއް ނާންނާނެ ބަސް ފުޅުތަކެއްކަން. މާތްރަސްކަލާނގެ ވެސް ވަޙީކުރައްވާފައިވޭ، އެކަލާނގެ ބަސްފުޅު ދެއްވި މީހުން އެއީ ކަލުންނޭ. 36އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟ 37އަހަރެންގެ ބައްޕާފުޅު އެންގެވި ފަދައިން އަހަރެން ކަންތައްތައް ނުކުރާނަމަ ކަލޭމެން އަހަރެންގެ ބަސްތައް ގަބޫލު ކުރާނެ ކަމެއް ނެތް. 38ކަލޭމެން އަހަރެން ގަބޫލު ނުކުރި ނަމަވެސް، އެކަލާނގެ އެންގެވި ފަދައިން އަހަރެން ކަންތައް ކުރަނީނަމަ، އަހަރެން މިކުރާ ކަންތައްތައް ދެކި އީމާންވޭ. އޭރުން ކަލޭމެންނަށް ވެސް އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައި ކަން އަބަދަށްޓަކައި އެނގިގެންދާނެ.⁠“
39ދެން އަނެއްކާވެސް އެމީހުން ގަސްތުކުރީ އީސާގެފާނު ހައްޔަރު ކުރުމަށެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންގެ އަތްދަށުން ދެމިވަޑައިގެން އެތަނުން ވަޑައިގެންފިއެވެ.
40އެތަނުން އެކަލޭގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ވަޑައިގެންނެވީ އެންމެ ފުރަތަމަ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ހިސާބަށެވެ. ދެން އީސާގެފާނު އެތާނގައި މަޑުކުރެއްވިއެވެ. 41އެތައް ބަޔަކު އެކަލޭގެފާނާއިއެކު ވަޑައިގެންނެވިއެވެ. އެމީހުން ބުންޏެވެ. ”⁠ޔަޙުޔާގެފާނު އެއްވެސް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް އެކަލޭގެފާނު އީސާގެފާނާއި ބެހޭގޮތުން ވިދާޅުވި ހުރިހާ ކަމެއް ތެދަކަށް ވެއްޖެ.⁠“ 42އެތަނުން ވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ.

Currently Selected:

ޔޫޙަންނާ 10: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in