ފެށުން 45
45
ޔޫސުފުގެފާނަކީ ކޮންބޭކަލޭކަން އެކަލޭގެފާނު ހާމަކުރެއްވުން
1ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ޚާދިމުންގެ ކުރިމަތީގައި އިތުރަށް ކެތެއް ނުކުރެއްވުނެވެ. ވީމާ، އެކަލޭގެފާނު ހަރުއަޑުފުޅުން އެކަލޭގެފާނުގެ ނޯކަރުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެމެން މިތަނުގައި ބައިތިއްބާފައި އެހެން އެންމެން ބޭރަށްދޭ.“ ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުން އެކަހެރިވި ހިނދު އެކަލޭގެފާނީ ޔޫސުފުގެފާނުކަން އެބައިމީހުންނަށް ހާމަކޮށްދެއްވިއެވެ. 2އެކަލޭގެފާނު އަޑުހަރުކޮށް ކީރިތި ކުރެއްވުމުގެ ސަބަބުން މިޞްރުގެ މީސްތަކުންނާއި އަދި ރަސްގެފާނުގެ ގަނޑުވަރުގައި ތިބި މީސްތަކުންނަށް އެކަލޭގެފާނު ކީރިތި ކުރެއްވި އަޑު އިވުނެވެ. 3އެކަލޭގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނަކީ ޔޫސުފު. އަހަރެންގެ ބަފައިކަލުން މިއަދު ދުނިޔޭގައި އެބަ ހުންނެވިތަ؟“ ނަމަވެސް އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައި ހަނުހިމޭނުން ތިއްބެވެ. އެއީ ކަލޭގެފާނުދެކެ އެބައިމީހުން ބިރުގަނެފައި ވުމުގެ ސަބަބުންނެވެ.
4ވީމާ، ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެންގެ ގާތަށް އައިސްބަލަ.“ އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް އައުމުން، އެބައިމީހުންނަށް މިފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެންނަކީ ތިޔަބައިމީހުންގެ އެއްބަފާ ޔޫސުފު. އަޅު ކުއްޖެއްގެ ގޮތުގައި ތިޔަބައިމީހުން އަހަރެން މިޞްރަށް ވިއްކާލީމު. 5އެކަމާއި ހެދި މިހާރު ތިޔަބައިމީހުން ކަންބޮޑުވެ ހާސްވާނެ ކަމެއް ނެތް. ސަބަބަކީ ތިޔަބައިމީހުން އަހަރެން ވިއްކާލީ މިތަނަށް ކަމުގައި ވާތީ. މިކަން މި ގޮތަށް ހިންމަވައި ދެއްވީ މާތްކަލާނގެ. އެއީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކޮށްދެއްވުމަށްޓަކައި ވެސްމެ.
6ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވީ ތަދުމަޑު ކަމުގެ ސަބަބުން އެއްވެސް އެއްޗެއް ނުހެއްދޭނެ. އަދި މި ތަދުމަޑުކަން އިތުރު ފަސް އަހަރު ދުވަހު ދެމި އޮންނާނެ. އިތުރު އެއްވެސް ގޮވާމެއް ނުހެއްދޭނެމެ. 7ވީމާ، މާތްކަލާނގެ އަހަރެން މި ރަށަށް ފޮނުއްވީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ދަރިފަސްކޮޅު ހައިރާން ކުރުވަނިވި ގޮތެއްގައި މަރުން ސަލާމަތް ކުރެއްވުމަށްޓަކައި. 8އަހަރެން މިރަށަށް ފޮނުވީ ތިޔަބައިމީހުންނެއް ނޫން. އެއީ މާތްކަލާނގެ. މިޞްރުގެ ރަސްގެފާނުގެ އެންމެ މަތީ އޮފިސަރު ކަމުގައި މާތްކަލާނގެ ވަނީ އަހަރެން ހަމަޖައްސަވާފަ. އެ ރަސްގެފާނުގެ ގަނޑުވަރުގެ އެންމެހާ ކަމެއް އަހަރެންނާއި ވަނީ ހަވާލު ކުރެވިފަ. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު އެކަލާނގެ އަހަރެންނަށް ދެއްވި. 9ވީމާ، އަހަރެންގެ ބަފައިކަލުންގެ އަރިހަށް އަވަހަށްދޭ. ގޮސް މިފަދައިން ބުނޭ. ’ކަލޭގެފާނުގެ ދަރިކަލުން ޔޫސުފު ދިރި ދުނިޔޭގައި އެބަ ހުއްޓޭ: މާތްކަލާނގެ އޭނާއަށް މުޅި މިޞްރުގެ ވެރިކަން ވަނީ ދެއްވާފައޭ. އެހެންވީމާ، އަހަރެންގެ ގާތަށް އަވަހަށް އަންނާށޭ. 10އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ. 11ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ހައިހޫނު ކަމުގައި އަހަރެން ތިޔަބައިމީހުންނާއި ބަފައިކަލުން ބަލަހައްޓާނެ ކަމުގައި ވެސް ބުނެދީ. އޭރުން، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އިތުރުން ތިޔަބައިމީހުންގެ ކައިރީގައިވާހާ ތަކެއްޗެއް ހައިހޫނުކަމުން ސަލާމަތްވާނެ.‘ 12މިހާރު ތިޔަބައިމީހުންނަށާއި އަދި އަހަރެންގެ ކޮއްކޮ ބަންޔާމީންއަށް އަހަރެންނަކީ ޔޫސުފުކަން ރަނގަޅަށް އެނގޭނެ. 13ވީމާ، މިޞްރުގައި އަހަރެންނަށް ލިބިފައިވާ މަތިވެރިކަން އަހަރެންގެ ބަފައިކަލުންނަށް ބުނެދީ. އަދި ތިޔަބައިމީހުންނަށް ފެނިދެނިވި ކަންތައްތަކުގެ ޚަބަރު ވެސް ބަފައިކަލުންނަށް ދެއްވާ. އަދި މިހާރުގޮސް އަވަހަށް ބަފައިކަލުން އަހަރެންގެ ގާތަށް ގެނެސްދީ.“ 14އެއަށް ފަހު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ކޮއްކޮ ބަންޔާމީންގެ ގައިގައި ބައްދާލައްވައި ކީރިތި ކުރެއްވިއެވެ. އަދި ބަންޔާމީނު ވެސް ރުއިމެއެވެ. 15އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ އެންމެހާ އަޚުންގެ ގައިގައި ބޮސްދެއްވުމަށް ފަހު ކީރިތި ކުރައްވަމުން އެބައިމީހުންގެ ގައިގައި ބައްދަވައި ހެއްދެވިއެވެ. މިއަށް ފަހު، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާއި ވާހަކަ ދައްކާހެދިއެވެ.
ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުމަށް ފިރުޢައުނު ދަޢުވަތު ދެއްވުން
16މިޞްރުގެ ރަސްގެފާނާއި އަދި އެރަސްގެފާނުގެ ވަޒީރުންނަށް ޔޫސުފުގެފާނުގެ އަޚުން އެރަށަށް އައިކަން އެނގިވަޑައިގަތުމުން އެބޭފުޅުން ވަރަށް އުފާފުޅުވިއެވެ. 17އެހެންވެ މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އަޚުންގެ ގާތު ބުނޭ އެބައިމީހުންގެ ސަވާރީތަކަށް ގޮވާން ލައިގެން ކަންޢާނުއަށް ދާށޭ. 18އަދި އެބައިމީހުންގެ އާއިލާތަކާއި އެބައިމީހުންގެ ބަފައިކަލުން އަހަރެންގެ ގާތަށް މިރަށަށް ގެންނާށޭ ވެސް ބުނޭ. އަހަރެން މިރަށުގެ އެންމެ ރަނގަޅު ސަރަހައްދުން އެބައިމީހުންނަށް ބިން ދޭނަމޭ. އޭރުން އެ ތަނުން އެބައިމީހުންނަށް އެންމެ ރަނގަޅު ކާތަކެތި ލިބި ހިތްހަމަޖެހުން ލިބޭނެ. 19އަދި އެބައިމީހުންގެ އަނބި ދަރިންނާއި އެބައިމީހުންގެ ބަފައިކަލުން ގެނައުމަށްޓަކައި މިޞްރުން އަސްގާޑިޔާތައް ވެސް ހިފައިގެން ދިއުމަށް ބުނޭ. 20އަދި އެބައިމީހުންގެ އަތުގައި ހުރި ތަކެއްޗެއް ކޮންމެހެން ގެންނާނެ ކަމެއް ނެތޭ ވެސް ބުނޭ. ސަބަބަކީ މުޅި މިޞްރުން ލިބެން ހުރި އެންމެ ރަނގަޅު ބިން އެބައިމީހުން ދިރިއުޅުމަށްޓަކައި އަހަރެމެން ދޭނެތީ ވެސްމެ.“ 21ވީމާ، މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް އެންގެވި ފަދައިން ޔަޢުޤޫބުގެފާނުގެ ދަރިންނަށް އަސްގާޑިޔާ ތަކާއި ދަތުރު މައްޗަށް ބޭނުންވާނޭ ކާނާ ދެއްވިއެވެ. 22ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ތެރެއިން ކޮންމެ މީހަކަށް ހެދުމެއް ވެސް ދެއްވިއެވެ. ނަމަވެސް ބަންޔާމީންއަށް ފަސްހެދުމާއި ތިންސަތޭކަ ރިހި ލާރި ދެއްވިއެވެ. 23ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނަށް ދިހަ ފިރިހެން ހިމާރަށް މިޞްރުން ލިބެން ހުރި އެންމެ ރަނގަޅު ތަކެތި ބަރުކޮށް ފޮނުވިއެވެ. އަދި ދިހަ އަންހެން ހިމާރުގައި ދަތުރުމަތީ ބޭނުން ކުރާނެ ކާބޯތަކެތި ގެންދިޔައެވެ. 24އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ދަތުރާއިގެން ކުރިއަށް ދިއުމަށް އެންގެވިއެވެ. އަދި އެބައިމީހުން ދަތުރަށް ތައްޔާރުވި ހިނދު މިފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަތުރުމަތީގައި އެކަކު އަނެކަކަށް ޒުވާބުކޮށް ދެބަސްވެ ނުހަދާތި.“
25އެއަށް ފަހު، ޔޫސުފުގެފާނުގެ އަޚުން މިޞްރުން ފުރިއެވެ. އަދި އެބައިމީހުންގެ ބަފައިކަލުންގެ އަރިހަށް ކަންޢާނުއަށް ދިއުމަށް ފަހު، 26އެބައިމީހުން ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”ޔޫސުފުގެފާނު ދުނިޔޭގައި އެބަ ހުންނެވި. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގަވަނީ އޭނާ.“ އެބައިމީހުންގެ ބަފައިކަލުން ޙައިރާންވެ ވަޑައިގަންނަވައި އެބައިމީހުން އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެއްވިއެވެ. 27ނަމަވެސް ޔޫސުފުގެފާނު ވިދާޅުވި ހުރިހާ ވާހަކަތަކެއް އެބައިމީހުން ޔަޢުޤޫބުގެފާނަށް ދެންނެވުމުންނާއި، އަދި ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުމަށްޓަކައި ޔޫސުފުގެފާނު ފޮނުއްވި އަސްގާޑިޔާ ފެނިވަޑައިގަތުމުން އެކަލޭގެފާނު ހިތްޕުޅުހަމަޖެހި ވަޑައިގަތެވެ. 28އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެންގެ ތިޔަ ބުނި ބުނުން އަހަރެން މިހާރު ގަބޫލުކޮށްފިން. އަހަރެންގެ ދަރިފުޅު ޔޫސުފު ދިރި ދުނިޔޭގައި އެބަ ހުންނެވި. އަދި އަހަރެން މަރުވުމުގެ ކުރިން އޭނާ ދުށުމަށް އަހަރެން ދާނަމު.“
Currently Selected:
ފެށުން 45: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.