ފެށުން 42
42
ޔޫސުފުގެފާނުގެ އަޚުން މިޞްރުގައި
1މިޞްރުގައި ގޮވާން ލިބެންހުރި ކަމުގެ ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެން އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިޔަ ތިބެނީ ކީއްވެ؟ 2އަހަރެންނަށް މިޞްރުން ގޮވާން ލިބެން ހުރި ޚަބަރު ލިބިއްޖެ. މިޞްރަށް ގޮސް ގޮވާން ގަނެގެން އާދޭ. އޭރުން މި ހައިހޫނުކަމުން އަހަރެމެންނަށް ސަލާމަތްވެވޭނެ.“
3އެގޮތުގެ މަތިން ޔޫސުފުގެފާނާއި އެއްބަފާ ދިހަ ބެއިން މިޞްރަށް ގޮވާން ގަތުމަށް އެ ރަށަށް ދިއުމަށް ދަތުރު ފެށިއެވެ. 4ނަމަވެސް ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ ކޮއްކޮ ބަންޔާމީން އެމީހުންނާއި އެކުގައި ނުފޮނުއްވިއެވެ. އެއީ ޔަޢުޤޫބުގެފާނުގެ ހިތްޕުޅުގައި އޭނާއަށް ނިކަމެތިކަމެއް ނޫނީ ދެރައެއް ލިބިދާނެ ކަމުގެ ބިރުވެތިކަން އުފެދިފައި ވުމުންނެވެ. 5އެހެންވެ މިޞްރަށް ގޮވާން ގަންނަން ދިޔަ ކަންޢާނުގެ މީހުންނާ އެކު އިސްރާއީލުގެ ދަރިން ވެސް ގޮވާން ގަންނަން ދިޔައެވެ. އެހެނީ އޭރު ކަންޢާނަށް ވެސް އޮތީ ތަދުމަޑުކަން އައިސްފައެވެ.
6އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ. 7ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް ޔޫސުފުގެފާނެއް ނޭނގެއެވެ. ހަމައެހެންމެ ޔޫސުފުގެފާނު ވެސް އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިނުގަންނަވާކަމަށް ހެއްދެވިއެވެ. އަދި ވަރަށް ހަރުކަށި ރާގަކާއި އަޑުފުޅަކުން މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަކީ ކޮށް ރަށަކުން އައި ބައެއް؟“
އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”އަޅުގަނޑުމެންނަކީ ގޮވާން ގަތުމަށްޓަކައި ކަންޢާނުން އައި ބަޔަކީމު.“
8ޔޫސުފުގެފާނަށް އެބައިމީހުންނީ އެކަލޭގެފާނުގެ އަޚުންކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް އެބައިމީހުންނަށް އެކަލޭގެފާނީ ކާކުކަމެއް ނޭނގެއެވެ. 9އަދި މީގެ އަހަރުތަކެއް ކުރިން ޔޫސުފުގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ އެންމެހާ އަޚުން ކުރުނީސް ކުރަނިކޮށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ މަތިން އެކަލޭގެފާނަށް ހަނދުމަފުޅު ވިއެވެ. އެ ހިނދު އެކަލޭގެފާނު މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަކީ ޖާސޫސުކުރާ ބަޔަކީމު! ކަލޭމެން މި ޤައުމަށް ތިޔަ އައީ މި ޤައުމުގެ ބަލިފަޔަކީ ކޮބައިތޯ ބެލުމަށް!“
10އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ދެންނެވިއެވެ. ”ނޫން ސާހިބާ! އަޅުގަނޑުމެން މި ޤައުމަށް މިއައީ ސާހިބާގެ ޚާދިމުންގެ ގޮތުގައި ހަމައެކަނި ގޮވާން ގަތުމުގެ ބޭނުމުގައި. 11އަޅުގަނޑުމެން އެންމެންނީ އެއްބަފާ ކުދިން. އަޅުގަނޑުމެންނަކީ ތެދުވެރި ބައެއް. ޖާސޫސޫންނެއް ނޫން.“
12އެއަށް ފަހު ޔޫސުފުގެފާނު ވަރަށް ނުރުހުންތެރިކަން ފައުޅު ކުރައްވާގޮތް ދައްކަވައި އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވިއެވެ. ”އެހެނެއްނުވާނެ! ކަލޭމެން މި ޤައުމަށް ތިޔަ އައީ މި ޤައުމުގެ ބަލިފައިތައް ބަލައި ދެނެގަތުމަށް!“
13އެބައިމީހުން ވިސްނައިދިނުމުގެ ގޮތުން މިފަދައިން ބުންޏެވެ. ”ސާހިބާ. އަޅުގަނޑުމެންނީ އެއްބަފާ ބާރަ ކުދިންގެ ތެރެއިން ހިމެނިގެންވީ ދިހަ ކުދިން. އަޅުގަނޑުމެންގެ ބަފައިކަލުންނާއި އެކުގައި އަޅުގަނޑުމެން ދިރިއުޅެމުން ގެންދަނީ ކަންޢާނުގައި. އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ވަނީ ބަފައިކަލުންނާއި އެކުގައި ކަންޢާނުގައި. އަދި އަޅުގަނޑުމެންގެ ދެންހުރި ކޮއްކޮ މިހާރަކު ދުނިޔެއަކު ނެތް.“
14ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ބުނިފަދައިން ކަލޭމެންނަކީ ޖާސޫސުކުރާ ބަޔަކީމު! 15ނަމަވެސް ކަލޭމެންގެ ބުނުންތަކުގެ ތެދުކަން ސާބިތު ކޮށްދިނުމަށް އަހަރެން ކަލޭމެންނަށް ފުރުސަތެއް ދޭނަން. ކަލޭމެންގެ އެންމެ ހަގު ކޮއްކޮ މިތަނަށް ގެނައުމަށް ފަހުގައި މެނުވީ ކަލޭމެންނަށް މި ޤައުމުން ނުދެވޭނޭ ކަމުގައި ފިރުޢައުނު ރަސްގެފާނުގެ ފުރާނަ ގަންދީ އަހަރެން ބުނަން. 16ކަލޭމެންގެ ތެރޭން އެކަކު ގޮސް ކޮއްކޮ ގޮވައިގެން އާދޭ. ދެންތިބި މީހުން އޭނާ އަންނަންދެން ތިބެންޖެހޭނީ ޖަލުގައި. އޭރުން ކަލޭމެންގެ ވާހަކަތަކުގެ ތެދުދޮގު ވެސް އެނގިދާނެ. އެކަމަކު ކަލޭމެން ތިޔަ ހެދީ ދޮގެއް ނަމަ ފިރުޢައުނު ރަސްގެފާނުގެ ފުރާނަ ގަންދީ ބުނަން، އޭރުން ކަލޭމެން ވާނީ ޖާސޫސް ކުރަން އައި ބައެއްކަމަށް.“
17އެއަށް ފަހު ޔޫސުފުގެފާނު އެބައިމީހުން ތިން ދުވަސް ވަންދެން ޖަލުގައި ހައްޔަރު ކުރެއްވިއެވެ. 18ތިންވަނައަށް ވީ ދުވަހު ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވަމު. އަހަރެން މިބުނާ ޝަރުތާ އެއްގޮތަށް ކަލޭމެން އަމަލުކޮށްފިނަމަ ކަލޭމެންނަށް ދިރިހުރުން ލިބިދޭނެ. 19މިގޮތުގެމަތިން ކަލޭމެންގެ ތެދުވެރިކަން އަހަރެންނަށް ހާމަކޮށްދީ. ކަލޭމެންގެ ތެރެއިން އެކަކު ޖަލުގައި ބެހެއްޓުމަށް ފަހު އެހެން އެންމެން އަހަރެން މިނިވަން ކޮށްދޭނަން. އަދި ކަލޭމެންނަށް ގޮވާން ވެސް ވިއްކާނަން. އަދި އެ ގޮވާންތައް ހިފައިގެން ހައިހޫނު ކަމުގައި ވީ ކަލޭމެންގެ އާއިލާތަކުގެ ގާތަށްދޭ. 20އެއަށް ފަހު ކަލޭމެންގެ އެންމެ ހަގު ކޮއްކޮ އަހަރެންގެ ކުރިމައްޗަށް މިތަނަށް ގެނެސްދީ. އޭރުން ކަލޭމެންގެ ބުނުންތަކުގެ ދޮގުތެދު އަހަރެންނަށް އެނގި ކަލޭމެން މަރުން ސަލާމަތް ކޮށްދޭނަން.“
ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ މި ހުށަހެޅުމަށް އެއްބަސްވެ 21އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.“
22ރައޫބައިން އޭނާގެ އަޚުންނަށް މިފަދައިން ބުންޏެވެ. ”އަހަރެން ތިޔަ އެންމެންގެ ކައިރީގައި އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނޭދެމުތަ؟ ނަމަވެސް ތިޔަ އެންމެން އަހަރެންގެ އަޑެއް ނޭހި. އަދި މިއަދު އަހަރެމެން އޭނާ މަރާލުމުން އެކަމުގެ އަގު އަދާ ކުރަންޖެހޭނެ.“
23އެބައިމީހުން ދެއްކި ވާހަކަތައް ޔޫސުފުގެފާނަށް އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް އެކަމެއް ނޭނގެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރެއްވީ ތަރުޖަމާނަކު މެދުވެރިކުރައްވައި މިޞްރުގެ ބަހުރުވައިންނެވެ. 24އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.
ޔޫސުފުގެފާނުގެ އަޚުން އެނބުރި ކަންޢާނުއަށް ދިއުން
25ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ގޯނިތައް ގޮވާމުން ފުރައިދީ އަދި އެބައިމީހުން ދޭ ފައިސާތައް ސިއްރުން ގޯނިތަކަށް ލުމަށް އެކަލޭގެފާނުގެ ނޯކަރުންނަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުންގެ ދަތުރަށް ބޭނުންވާނޭ ކެއުން ދިނުމަށް ވެސް އެކަލޭގެފާނު އެންގެވިއެވެ. ޔޫސުފުގެފާނު އަމުރުކުރެއްވި ފަދައިން ހުރިހާ ކަމެއް ޚާދިމުން ކޮށްނިންމިއެވެ. 26އެއަށް ފަހު އެބައިމީހުންގެ ހިމާރުތަކުގެ މައްޗަށް އެތަކެތި ބަރުކުރުމަށް ފަހު މިޞްރުން އެބައިމީހުން ފުރިއެވެ.
27އެބައިމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި އިރުއޮއްސުމާއެކު އެބައިމީހުން މަޑުކުރިއެވެ. އެ ހިނދު އޭގެތެރެއިން އެކަކު އޭނާގެ ހިމާރަށް ކާންދިނުމަށްޓަކައި އޭނާގެ ގޯނި މޮހާލިއިރު އޭނާ ގޮވާން ގަތުމަށް ދިން ފައިސާތައް އެ ގޯނީގެ ތެރޭގައިވާ ގޮވާންތަކުގެ މަތީގައި ހުރިތަން އޭނާއަށް ފެނުނެވެ. 28އެ ހިނދު އޭނާގެ އަނެއް އަޚުންނަށް މިފަދައިން ބުންޏެވެ. ”އަހަރެން ގޮވާން ގަތުމަށް ދިން ފައިސާ މިހިރީ އަނބުރާ ދީފައި. އަހަރެން ދިން ފައިސާތައް މިހިރީ އަހަރެންގެ ގޯނި ތެރޭގައި!“ މިކަންތައްތައް ވީ ގޮތުން އެ އެންމެން ނުހަނު ބިރުގަތެވެ. އަދި އެކަކު އަނެކަކަށް މިފަދައި ބުނަމުން ދިޔައެވެ. ”މާތްކަލާނގެ އަހަރެމެންނަށް މިޖައްސަވަނީ ކޮން ފަދަ ކަންތައްތަކެއް؟“
29ދެން އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނުގެ އަރިހަށް ކަންޢާނުއަށް އައިސް ހިނގާ ދިޔަ ހުރިހާ ކަންތައްތަކެއް މިފަދައިން އެކަލޭގެފާނަށް ކިޔައި ދިނެވެ. 30”މިޞްރުގެ ގަވަރުނަރު އަޅުގަނޑުމެންނާ ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް. އަދި އަޅުގަނޑުމެންގެ ބޮލުގައި އެ ޤައުމާއި ދެކޮޅަށް ޖާސޫސު ކުރުމުގެ ތުހުމަތު އެޅުއްވި. 31ނަމަވެސް އަޅުގަނޑުމެން ދެންނެވީމު. ’އަހަރެމެންނަކީ ޖާސޫސުކުރާ ބައެއްނޫނޭ. އަހަރެމެންނަކީ ތެދުވެރި ބައެކޭ. 32އަހަރެމެން މިއީ އެއްބަފާ ބާރަ އަޚުންނޭ. އަހަރެމެންގެ އެއް ކޮއްކޮ ވަނީ ނިޔާވެފައޭ. އަދި އަހަރެމެންގެ އެންމެ ހަގު ކޮއްކޮ ބަފައިކަލުންގެ އަރިހުގައި ކަންޢާނުގައި އެބަހުއްޓޭ.‘ 33ދެން މިޞްރުގެ ގަވަރުނަރު މިހެން ވިދާޅުވި. ’ކަލޭމެންނަކީ ތެދުވެރިން ކަމުގައި ތިމަން ބަލާނީ ކަލޭމެންގެ ތެރެއިން އެކަކު ތިމަންނައާ އެކު މިތަނުގައި މަޑުކުރުމަށް ފަހު ހައިހޫނު ކަމުގައި ވީ ކަލޭމެންގެ އާއިލާތައް ގާތަށް ގޮވާން ހިފައިގެން ރަށަށް ގޮސް. 34ކަލޭމެންގެ އެންމެ ހަގު ކޮއްކޮ ތިމަން ގާތަށް ގެނައިމައޭ. އެހެން ހެދުމުން ކަލޭމެންނަކީ ތެދުވެރި ބައެއް ކަމުގައްޔާއި ޖާސޫސުން ނޫންކަން ތިމަން ޔަޤީންކުރާނަމޭ. އެއަށް ފަހު ހިފެހެއްޓިފައިވާ ކަލޭމެންގެ އަޚާ މިނިވަން ކޮށްދޭނަމޭ. އަދި އެއްވެސް ހުރަހަކާއި ނުލައި ކަލޭމެންނަށް މި ޤައުމަށް އައިސް ވިޔަފާރި ކުރެވޭނެޔޭ.‘“ 35އޭގެ ފަހުން އެ ހުރިހާ އެންމެން އެމީހުންގެ ގޯނިތައް މޮހެ ގޮވާންތައް ހުސްކުރަމުން ދިޔަ ހިނދު އެއިން ކޮންމެ މީހެއްގެ ގޯނީގެ ތެރޭގައި އެމީހުން ގޮވާން ގަތުމަށް ދިން ފައިސާތައް ހުއްޓާ ފެނުނެވެ. މި ފައިސާ އެބައިމީހުންނަށާއި އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި ހިނދު ބިރުވެތިވެ ވަޑައިގަތެވެ.
36އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.“
37ދެން ރައޫބައިން އޭނާގެ ބަފައިކަލުންނަށް ދެންނެވިއެވެ. ”އަޅުގަނޑު ބަންޔާމީން އަނބުރާ ބަފައިކަލުންނާއި ހަމައަށް ގެނެސް ނުދީފިނަމަ އަޅުގަނޑުގެ ދެ ފިރިހެން ދަރިން ގަތުލު ކުރެއްވިޔަސް އަޅުގަނޑު އެއްވެސް ޝަކުވާއެއް ނުކުރާނަމު. އަޅުގަނޑަށް އިތުބާރު ކުރައްވާ. އަޅުގަނޑު ބަންޔާމީން އާއިމެދު ޒިންމާވާނަން.“
38ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.“
Currently Selected:
ފެށުން 42: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.