ފެށުން 35
35
ޔަޢުޤޫބުގެފާނު ބައިތުއީލްއަށް އެނބުރި ވަޑައިގެންނެވުން
1މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.“
2އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެންނަށް މިފަދައިން އެންގެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްކަލާނގެއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ. 3މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްކަލާނގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީ ހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.“
4އެހެންވެ އެ ހުރިހާ އެންމެންގެ އަތުގައި ވީ ބުދުގެ ކަލާނގެތަކާއި އެމީހުންގެ ކަންފަތުގައި ލާފައިވާ އެންމެހާ ކަންފަތު މުދިތަކެއް ޔަޢުޤޫބުގެފާނަށް އެރުވިއެވެ. ދެން ޝަކީމްގެ އަވާށާއި ކައިރީގައި ވީ ބޮޑުގަހެއް ކަމުގައިވާ ކަށިބުރޮޅި ގަހުގެ ދަށުގައި އެތަކެތި އެކަލޭގެފާނު ވަޅުލެއްވިއެވެ. 5އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ. 6އެންމެފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ދަތުރުކޮށް ކަންޢާނުގެ ބައިތުއީލްއަށް ވަޑައިގަތެވެ. އެވޭލާ ޒަމާނުގައި މީސްތަކުން މިތަނަށް ކިޔަމުން އައީ ލޫޒްގެ ނަމުންނެވެ. 7އެތަނުގައި މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”ބައިތުއީލްގެ މާތްކަލާނގެ“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.
8މިބައިމީހުން ބައިތުއީލްގެ ކައިރީގައި ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ރިފްޤާގެ ދުވަސްވީ ޚާދިމާ ދަބޫރާ އެތަނުގައި ނިޔާވިއެވެ، އަދި ބައިތުއީލްގައި ހުރި ބިޔަ ގަހެއްގެ ދަށުގައި އެ ޚާދިމާ ވަޅުލިއެވެ. އެހެންވެ ކަރުނައިގެ ބޮޑުގަސް ކަމުގައި ބުނެ އެބައިމީހުން އެތަނަށް ނަން ދިނެވެ.#35:8 ޢިބްރާނީ ބަހުން ”އަލޮން ބަކުތު“ މި ބަހުގެ މާނައަކީ ”ކަރުނައިގެ ބޮޑުގަސް“ އެވެ.
ޔަޢުޤޫބުގެފާނުގެ އާ ނަންފުޅު
9އެބައިމީހުން މި ހިނދު ދިރިއުޅެމުން ދިޔައީ ބައިތުއީލްގައެވެ. އަނެއްފަހަރު މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އެކަލޭގެފާނަށް ބަރަކާތްލެއްވިއެވެ. 10މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިބާގެ ނަމަކީ ޔަޢުޤޫބު ކަމުގައިވިޔަސް މިހިނދުން ފެށިގެން ތިބާގެ ނަމަކީ އިސްރާއީލު.“ މިގޮތުން މާތްރަސްކަލާނގެ އެކަލޭގެފާނަށް އިސްރާއީލުގެ ނަމުން ވަޙީ ކުރެއްވިއެވެ. 11އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ. 12ތިބާގެ ކާބަފައިކަލުން އިބްރާހީމްއަށާއި އިސްޙާޤުއަށް ތިމަންކަލާނގެ ދެއްވި ބިން ތިބާއާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށީމު.“ 13މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ބަސްވަޙީ ކުރެއްވުމަށް ފަހު އެތަނުން އެކަލާނގެ އެނބުރިވޮޑިގެންފިއެވެ.
14މާތްކަލާނގެ އެކަލޭގެފާނަށް ބަސްވަޙީ ކުރެއްވިތަން ފާހަގަ ކުރެއްވުމުގެ ގޮތުން އެތަނުގައި ހިލައިގެ ތަނބެއް ޔަޢުޤޫބުގެފާނު ޖެއްސެވިއެވެ. އެއަށް ފަހު މާތްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމުގެ ގޮތުން އެ ހިލަ ތަނބުގެ މައްޗަށް މޭބިސްކަދުރުގެ ދިޔައާއި ޒައިތޫނިތެޔޮ އޮއްސެވިއެވެ. 15އެއަށް ފަހު ބައިތުއީލްގެ ނަމުން ޔަޢުޤޫބުގެފާނު އެތަނަށް ނަންދެއްވިއެވެ.#35:15 މިބަހުގެ މާނައަކީ ”މާތްކަލާނގެ ގެކޮޅު“ އެވެ. އެއީ އެތަނެއްގައި މާތްކަލާނގެ އެކަލޭގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އަދި އެކަލާނގެ ބަސްވަޙީ ކުރެއްވި ތަން ކަމުގައި ވާތީއެވެ.
16އޭގެ ދުވަސްކޮޅެއްގެ ފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ މީސްތަކުން ބައިތުއީލް އިން ފުރައިގެން ދަތުރުކުރެއްވިއެވެ. އަދި އެބައިމީހުން އަފްރާތާ#35:16 ”އަފްރާތާ“ މިއީ ބައިތުލްލަހަމްއަށް ކުރިން ކިޔަމުން އައި ނަމެވެ. އާއި ދުރުގައިވަނިކޮށް ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ދިމާވިއެވެ. 17ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ގަދަވެ ނުހަނު އުނދަގުލާއި ކުރިމަތިލާން ޖެހުމަށް ފަހު ރާޙީލް ވިހެއެވެ. އެ ހިނދު ރާޙީލްގެ ފޫޅުމާމައަށް މިތަންފެނި މިފަދައިން ގޮވާލެވުނެވެ. ”ފިކުރު ނުކުރޭ ރާޙީލް. ތިބާއަށް އިތުރު ފިރިހެން ދަރިއަކު ލިބިއްޖެ!“ 18ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ#35:18 ”ބަންއޫނީ“ މިބަހުގެ މާނައަކީ ޢިބްރާނީ ބަހުން ”އަހަރެންގެ ހިތާމަތަކާއި އެކުގައި ވީ ފިރިހެން ދަރިފުޅު“ މެއެވެ. ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ#35:18 ”ބަންޔާމީން“ ޢިބްރާނީ ބަހުން މިބަހުގެ މާނަކީ ”އަހަރެންގެ ރުހުންލިބިގެންވާ ފިރިހެން ދަރިފުޅު“ ނޫނީ ”އަހަރެންގެ ކަނާއަތް ކަމުގައިވާ ފިރިހެން ދަރި“ އެވެ. ނަމުން ނަން ދެއްވިއެވެ. 19އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ. 20އަދި ރާޙީލްއަށް އިޙްތިރާމް ކުރުމުގެ ގޮތުން އެކަނބުލޭގެ މަހާނައިގައި ޔަޢުޤޫބުގެފާނު ހިލައެއް ޖެއްސެވިއެވެ. އެހިލަ މިއަދު ވެސް އެތަނުގައި އެބަހުރިމެއެވެ.
21އެއަށް ފަހު އިސްރާއީލު (ޔަޢުޤޫބުގެފާނު) އެކަލޭގެފާނުގެ ދަތުރުފުޅުގައި ކުރިއަށް ވަޑައިގަންނަވައި ޢިދްރި ބުރުޒު ފަހަނައަޅައި ވަޑައިގެންނެވިއެވެ.
22މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ.
ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ބާރަ ފިރިހެން ދަރިން
ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.
23-26ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ.
ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ.
މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.
އިސްޙާޤުގެފާނު އަވަހާރަވުން
27އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށް ވެސް މެއެވެ. 28-29އިސްޙާޤުގެފާނު މުސްކުޅިކަމުގެ ނިހާޔަތުގައި މިދުނިޔޭގައި އުޅުއްވުމަށް ފަހު އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭކަ އަށްޑިހަ އަހަރުގައެވެ. އަދި އިސްޙާޤުގެފާނުގެ ދެދަރިކަލުން ކަމުގައިވާ ޢީސޫއާއި ޔަޢުޤޫބުގެފާނާއި ދެބޭކަލުން އެކަލޭގެފާނު ފަސްދާނު ލެއްވިއެވެ.
Currently Selected:
ފެށުން 35: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.