ފެށުން 22
22
މާތްރަސްކަލާނގެ އިބްރާހީމްގެފާނު އިމްތިޙާނު ކުރެއްވުން
1މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”އިބްރާހީމް.“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.“ 2ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިބާއަށް ތިމަންކަލާނގެ ވަޢުދުކުރެއްވި ތިބާގެ އެންމެ ލޯބިވާ ހަމައެކަނި ދަރިފުޅު އިސްޙާޤު ތިބާއާ އެކުގައި މޫރިއްޔާ ސަރަހައްދަށް ގެންދޭ. އެތަނުގައިވާ ފަރުބަދަތަކުން ފަރުބަދައެއްގެ މަތީގައި ތިމަންކަލާނގެއަށް ހުށަހެޅޭ ޤުރުބާނެއްގެ ގޮތުގައި އެދަރިފުޅު އަންދާލާ. އެއީ ކޮން ފަރުބަދައެއްކަން ތިމަންކަލާނގެ އަންގަވާނަން.“
3އެގޮތުން ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ހިމާރު ތައްޔާރު ކުރެއްވިއެވެ. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދެ ޚާދިމުން އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. އަދި އަންދާލެވޭ ޤުރުބާނަކަށް ބޭނުންވާނޭ ދަރު ކަނޑުއްވައި އެކަލޭގެފާނަށް މާތްކަލާނގެ އެންގެވި ތަނަށް އެބައިމީހުންނާއެކު ވަޑައިގެންނެވިއެވެ. 4ތިންވަނައަށް ވީ ދުވަހު އިބްރާހީމްގެފާނަށް މާތްކަލާނގެ އެންގެވި ތަން ދުރުން ފެނިވަޑައިގަތެވެ. 5އެ ހިނދު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ޚާދިމުންނަށް ވިދާޅުވިއެވެ. ”އަހަރެންނާއި އަހަރެންގެ ދަރިފުޅު ކުޑަތަންކޮޅެއް ދުރަށް ދަތުރުކޮށް ގޮސް އެތަނުގައި އަހަރެމެން މާތްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ފަހު އެނބުރި އަންނަންދެން ހިމާރު ކައިރީ މިތަނުގައި ތިޔަބައިމީހުން ތިބޭ.“
6ޤުރުބާން އެންދެވުމަށްޓަކައި ގެންދެވުނު ދަރުތައް އިސްޙާޤުގެފާނުގެ ކޮނޑުފުޅަށް އިބްރާހީމްގެފާނު ނަންގަވައި ދެއްވިއެވެ. ނަމަވެސް އަނގުރު އަލިފާނާއި ހަންޖަރު ހިއްޕަވައިގެން ހުންނެވީ އެކަލޭގެފާނެވެ. އެއަށް ފަހު އެ ދެބަފައިކަލުން އެކުގައި ވަޑައިގެންނެވިއެވެ. 7-8ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”ބައްޕާފުޅާ، އަޅުގަނޑުމެންގެ އަތުގައި ދަރާއި އަނގުރު އަލިފާން އެބަހުރި. ނަމަވެސް ޤުރުބާނުގެ ގޮތުގައި އަންދާލެވޭ ކަންބަޅި ކޮބައިތޯ؟“ އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”މަގޭ ދަރިފުޅާ، ޤުރުބާން ކުރައްވާނޭ ކަންބަޅިއެއް މާތްކަލާނގެ މެދުވެރި ކުރައްވާނެ.“ އެއަށް ފަހު އެދެބަފައިކަލުން އެކުގައި ހިންގަވާ ވަޑައިގެންނެވިއެވެ.
9އަދި މާތްކަލާނގެ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ. 10ދެން އިބްރާހީމްގެފާނުގެ އަތްޕުޅުގައި އޮތް ޚަންޖަރު ނެންގެވުމަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރުވެ ވަޑައިގެންނެވިއެވެ. 11ނަމަވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ގޮވާލެއްވިއެވެ. ”އިބްރާހީމް! އިބްރާހީމް!“ އިބްރާހީމްގެފާނު ޖަވާބުދެއްވިއެވެ. ”އަޅާ ޙާޟިރުވެ އެބަ ހުރީމު!“ 12އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.“ 13އެއަށް ފަހު އިބްރާހީމްގެފާނު އިސްއުފުލާ ބައްލަވާލެއްވިއެވެ. އަދި އެތަނުގައިހުރި ގަސްބޮނޑިއެއްގެ ތެރޭގައި ދަޅުތައް ތާށިވެފައިއޮތް ފިރިހެން ކަންބަޅިއެއް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. ދެން އިބްރާހީމްގެފާނު ވަޑައިގެން އޭތި ގެންނަވައި އެކަލޭގެފާނުގެ ދަރިކަލުންގެ ބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް އަންދާލެވޭ ޤުރުބާނުގެ ގޮތުގައި އެ ފިރިހެން ކަންބަޅި ޤުރުބާން ކުރެއްވިއެވެ. މިހެންވުމުން އެކަލޭގެފާނުގެ ދަރިކަލުން ސަލާމަތް ވިއެވެ. 14އެތަނުގެ ނަމެއްގެ ގޮތުގައި ”މާތްރަސްކަލާނގެ މެދުވެރި ކުރެއްވުން“ ކަމުގައި ވިދާޅުވެ އެތަނަށް އިބްރާހީމްގެފާނު ނަންދެއްވިއެވެ. މި ފޮތް ލިޔުނު ދުވަސްވަރު ހަރުބަހެއްގެ ގޮތުގައި އެޙާދިސާއަށް ނިސްބަތްކުރައްވާ މީސްތަކުން މިފަދައިން ބުނެއުޅުނެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ފަރުބަދައިގައި މެދުވެރިކޮށްދެއްވާނެ.“
15 މާތްރަސްކަލާނގެ މަލާއިކަތާ އުޑުން ދެވަނަފަހަރަށް އިބްރާހީމްގެފާނަށް ވިދާޅުވިއެވެ. 16”ކަލޭގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލުން އެކަލާނގެ ކިބަފުޅަށް އެކަލާނގެ ނަންފުޅުގައި ޤުރުބާން ކުރެއްވުމަށް ފަސްޖެހިވެ ވަޑައިނުގަންނެވުމުން އެކަލާނގެ ކަލޭގެފާނަށް މިފަދައިން ވަޢުދުވެ ވަޑައިގަންނަވާ. 17’ތިމަންކަލާނގެ ހަމަ ޔަޤީނުން ވެސް ތިބާގެ މައްޗަށް ރަޙުމަތް ލައްވައި ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވާހުށިން. ތިބާގެ ދަރިފަސްކޮޅުގެ އަދަދު އުޑުގައިވާ ތަރިތަކާއި ބިމުގައިވާ ވެލިފަދައިން ގިނަވެ އިތުރުކުރައްވާނަން. އަދި އެބައިމީހުންގެ ދުޝްމިނުންގެ ރަށްތަކުގެ މައްޗަށް އެބައިމީހުން ވެރިކުރައްވާނެ. 18ތިބާގެ ދަރިފަސްކޮޅު މެދުވެރިކުރައްވާ ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާހުށިން. އެއީ ތިބާ ތިމަންކަލާނގެ ކިބަފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވުމުން.‘“ 19އެއަށް ފަހު އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ދެބަފައިކަލުން އެކަލޭގެފާނުގެ ޚާދިމުން ތިބިތަނަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެ ދެބަފައިކަލުންގެ އިތުރުން ޚާދިމުން ބިއުރުސަބްޢައަށް ވަޑައިގެންނެވުމަށް ފަހު އެތަނުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ.
20-23މި ހިނގައިދިޔަ ޙާދިސާތަކަށް ފަހު އެކަލޭގެފާނުގެ ބޭބެ ނާޙޫރުގެ އަންހެނުން މަލްކަތު ނާޙޫރަށް އަށް ކުދިން ވިހައިފިކަމުގައި މީހަކު އިބްރާހީމްގެފާނަށް ދެންނެވިއެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކީ ޢޫޞާއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ބޫޒާ އެވެ. އަދި ތިންވަނަ ދަރިފުޅުގެ ނަމަކީ ޤަމޫއީލްއެވެ. (މިއީ އަރާމް ގެ ބައްޕައެވެ.) އޭގެއިތުރުން ކާސަދު އާއި ޙަޒްވު އާއި ފިލްދާޝް އަދި ޔަދްލާފްގެ އިތުރުން ބަތުއީލް ލިބުނެވެ. މި ބަތޫއީލް އަކީ ރިފްޤާގެ ބައްޕައެވެ. 24މީގެ އިތުރުން ނާޙޫރުގެ ޖާރިޔާއެއް ކަމުގައިވާ ރައޫމަތުއަށް ވެސް ހަތަރު ފިރިހެން ދަރިން ލިބުނެއެވެ. އެކުދިންނަކީ ޠާބަޙު އާއި ޖާޙަމް އާއި ތާޙަޝާއި އިތުރުން މަޢުކަތު އެވެ.
Currently Selected:
ފެށުން 22: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.