YouVersion Logo
Search Icon

ފެށުން 19

19
މާތްކަލާނގެ ލޫޠުގެފާނު ސަލާމަތްކޮށްދެއްވުން
1އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ. 2ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“ 3ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް އާދޭސްކުރުމުން އެބޭކަލުން އެގޮތާއި އެއްބަސްވެލެއްވިއެވެ. ދެން ލޫޠުގެފާނު ކަމީރުނުލާ ޕާން ފިހެ ކެއުން ތައްޔާރުކުރުމުން އެމަލާއިކަތުން ކޭންބެއްލެވިއެވެ.
4ކޭންބައްލަވައި ނިމިގެން ނިދިކުރެއްވުމަށް ތައްޔާރުވަމުން ދަނިކޮށް ސަދޫމުގެ އެކި ހިސާބުތަކުން ޒުވާނުންނާއި މުސްކުޅި އެތައްބައިވަރު ފިރިހެނުންނެއް އައިސް ލޫޠުގެފާނުގެ ގެކޮޅު ވަށާލިއެވެ. 5އެމީހުން ހަޅޭއްލަވާ ގޮވަންފެށިއެވެ. ”⁠ކަލޭގެ ގެއަށް މެހެމާނުންގެ ގޮތުގައި އައި ދެމީހުން ކޮބާ؟ އެމީހުން ނެރޭ. އަހަރެމެންނަށް އެމީހުންނާއި އެކު ޖިންސީގުޅުން ހިންގޭނީ އޭރުން.⁠“ 6ލޫޠުގެފާނު ގެއިން ބޭރަށް ނުކުމެވަޑައިގެން ދޮރުލެއްޕެވިއެވެ. 7އަދި އެމީހުންނަށް ވިދާޅުވިއެވެ. ”⁠މަގޭ އެންމެހާ އަޚުންނޭ. އާދޭސްކޮށްފަ ބުނަން. ތިޔަފަދަ ނުބައި ނުލަފާ ކަމެއް ނުކުރޭ. 8އަހަރެންގެ ބިކުރުވެރި ދެ އަންހެން ދަރިން އެބަތިބި. ތިޔަބައިމީހުން ބޭނުން ކަމެއް ކުރުމަށް އަހަރެން އެކުދިން ވެސް ދީފާނަން. އެކަމަކު މިމީހުންނަށް އެއްވެސް ކަމެއް ނުކުރޭ. އެމީހުން އެއީ އަހަރެންގެ މެހެމާނުން އެމީހުން ހިމާޔަތް ކުރުމަކީ އަހަރެންގެ ވާޖިބެއް.⁠“ 9އެމީހުން ބުންޏެވެ. ”⁠އަދި މީކާކުތަ؟ މީނާ މިއީ މިރަށަށް އައިސް ވަޒަންވެރި ވެގެން އުޅޭ ބިދޭސީއެއް. އެކަމަކު މިހާރު މީނާ އަހަރެމެންނަށް ކަންތައްކުރަންވީ ގޮތް ކިޔާދޭން އެބައުޅެއެންނު. އަހަރެމެން އަދި ކަލެއަށް ހަދާނީ މިމީހުންނަށް ވުރެން ވެސް ނުބައިގޮތެއް.⁠“ އެހެން ބުނެފަ އެމީހުން ލޫޠުގެފާނު ކޮއްޕާލައި ދޮރު ހަލާކުކޮށްލަން އުޅުނެވެ. 10ނަމަވެސް އެވަގުތު އެގޭތެރޭގައި ވީ ދެމަލާއިކަތުން ލޫޠުގެފާނު ދޮރުން އެތެރެއަށް ދަމައިގަންނަވައި ދޮރު ލެއްޕެވިއެވެ. 11ދެން އެމަލާއިކަތުން އެތާނގައި ވީ އެންމެންގެ ލޯތައް އަނދިރި ކުރެއްވިއެވެ. އެހެންކަމުން އޭގެން އެކަކަށް ވެސް ދޮރެއް ނުފެނުނެވެ.
12އެދެމަލާއިކަތުން ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠ތިބާގެ ދަނބިދަރިއެއް، ފިރިހެންދަރިއެއް، އަންހެންދަރިއެއް އަދި އެހެން ވެސް އިތުރު އެއްވެސް ތިމާގެ މީހަކު މިރަށުގައި ވޭތަ؟ ވާނަމަ އެމީހުން ގާތު އަވަހަށް މިރަށުން ދާން ވިދާޅުވޭ. 13އެހެނީ އަހަރެމެން މި އުޅެނީ މިތަން ފަނާކޮށްލަން. އެމީހުންނާމެދު ކުރެވިފައިވާ ބޮޑުވެގެންވާ ތުހުމަތުގެ އަޑު މާތްރަސްކަލާނގެ އައްސަވައި އަހަރެމެން ފޮނުއްވީ މިރަށް ނައްތާލަން.⁠“
14ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“
ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.
15އެރޭގެ ފަތިހު އެމަލާއިކަތުން ތަކުރާރުކޮށް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠އަވަސްކުރޭ. ތިބާގެ އަނބިމީހާއާއި މިތާ މިތިބަ ތިބާގެ ދެ އަންހެންދަރިން ގޮވައިގެން އަވަހަށް ވަޑައިގަންނަވާ. އެހެން ނޫނީ މިރަށް ނެތިގެން ދާއިރު ތިޔަބައިމީހުން ވެސް ނެތިވެ ހިނގައިދާނެ.⁠“ 16ނަމަވެސް އަދިވެސް ލޫޠުގެފާނު މިކަމާ ފަސްޖެހިވަޑައިގަތުމުން އެދެމަލާއިކަތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަބަލުންނާ ދެއަންހެންދަރިންގެ އަތުގައި ހިއްޕަވައިގެން އެރަށުން ބޭރަށް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ މަތިވެރިކަމެވެ. 17އެބޭކަލުން އެރަށުން ބޭރަށް ނެރުއްވުމަށް ފަހު އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ފުރާނަ ސަލާމަތް ކުރައްވަންޏާ އަވަހަށް މިތަނުން ދުވެދޭ! ފަހަތަށް އެނބުރި އެއްގޮތަކަށް ވެސް ނުބައްލަވާތި އަދި ތިރީ ވާދީގައި ވެސް މަޑުނުކުރައްވާތި. އަވަހަށް ފަރުބަދަ މައްޗަށް އަރާވަޑައިގަންނަވާ. އެހެންނޫނީ ތިޔަ އެންމެން ނެތިވެދާނެ!⁠“
18ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް ވިދާޅުވިއެވެ. ”⁠އާދޭސް ކޮށްފަ ދަންނަވަން ތިޔަހެން ނަހައްދަވާ. 19ތިޔަބޭކަލުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ތިޔަކޮށްދެވީ ވަރަށްބޮޑު ހެޔޮކަމެއް. ނަމަވެސް ފަރުބަދަތައް އެވަނީ ވަރަށް ދުރުގަ އަޅުގަނޑު އެހިސާބަށް ނުފޯރަނީސް މިރަށަށް ފޮނުއްވޭ މުސީބާތުގައި ޖެހި އަޅުގަނޑު ވެސް މަރުވާނެ. 20އެ އެފެންނަ ކުޑައަވަށަށް ބައްލަވާ. އެއަވަށް އެވަނީ ވަރަށް ކައިރީގަ. އަދި އެއީ ވަރަށް ކުޑަ ތަނެއް ވެސްމެ. އެތާނގައި އަޅުގަނޑަށް ރައްކާތެރި ވެވިދާނެ.⁠“ 21ދެން އެމަލާއިކަތާ ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު އެރަށަށްދޭ. އަހަރެން އެރަށް ނެތިކޮށެއް ނުލާނަން. 22އަވަސް ކުރޭ! ތިބާ އެތަނަށް ވަޑައިގެން ރައްކާތެރި ވެވުމުން ނޫނީ އަހަރެންނަކަށް މިރަށް ނެތިކޮށެއް ނުލެވޭނެ.⁠“ ފަހުން އެ ރަށަށް ޞޫޣަރުއޭ ކިއުނީ އެރަށަކީ ކުޑަރަށެއް ވީމައެވެ.#19‏:22 ”⁠ޞޫޣަރު⁠“ މިބަހަކީ ޢިބްރާނީ ބަހުން ”⁠ކުޑަ⁠“ މި ލަފުޒާއި ވަރަށް އެއްގޮތް ނަމެކެވެ.
ސަދޫމު އާއި ޢަމޫރާއަށް ފޮނުއްވުނު ކޯފާ
23ލޫޠުގެފާނަށް ޞޫޣަރުއަށް ވަޑައިގެންނެވުނީ އިރު އަރަނިކޮންނެވެ. 24މަތިވެރި މާތްރަސްކަލާނގެ އަލިފާނާއި ސަލްފާގެ ވާރެއެއް ސަދޫމުއާއި ޢަމޫރަތަށް ފޮނުއްވެވިއެވެ. 25އެހެންކަމުން މުޅި އެހިސާބުގެ ކައިރިފަށުގައިވާހާ ރަށަކާ އެރަށްތަކުގައިވާ އެންމެނާ އަދި ހުރިހާ ގަސްގަހާގެއްސަށް ދާނދެން އެކަލާނގެ ނެތިކޮށް ލެއްވިއެވެ. 26އެވަގުތު ލޫޠުގެފާނުގެ އަނބިކަނބަލުން އެނބުރި އެދިމާއަށް ބެއްލެވިއެވެ. ހަމައެ ހިނދު އެކަނބުލޭގެފާނު ލޮނުގެ ތަނބަކަށް ވެއްޖެއެވެ.
27ހަމަ އެދުވަހުގެ ހެނދުނު އިބްރާހީމްގެފާނު ވެސް އެކަލޭގެފާނު މަތިވެރި މާތްރަސްކަލާނގެ އާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވި ތަނަށް އެނބުރި ވަޑައިގަތެވެ. 28އެކަލޭގެފާނު ސަދޫމުއާއި ޢަމޫރަތާ ދިމާ ތިރިއަށް ބެއްލެވި ހިނދު ފެނިވަޑައިގަތީ މުޅި ތަނުން ދުންތައް އަރަމުން ދިޔަ ތަނެވެ. މުޅިހިސާބު ވަނީ ދުމުން ފުރިފައެވެ. 29މާތްކަލާނގެ އެވާދީގެ ތެރޭގައި ވީ ހުރިހާ ރަށްތައް ނެތިކޮށްލެވިއެވެ. ނަމަވެސް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު އުވާ ނުލައްވައި ލޫޠުގެފާނު އެތަނުން ބޭރު ކުރެއްވިއެވެ.
ލޫޠުގެފާނާއި އެކަލޭގެފާނުގެ ދެއަންހެންދަރިން
30ލޫޠުގެފާނު ޞޫޣަރުގައި ދިރިއުޅުއްވަން ބިރުފުޅުގެން އެކަލޭގެފާނު ގެ ދެއަންހެން ދަރިންނާއި އެކު ފަރުބަދައިގައިވާ ހޮހަޅައަކަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވިއެވެ. 31އެއްދުވަހަކު އެދެކުދިންގެ ތެރެއިން ދޮށީ އަންހެންކުއްޖާ ހަގު ކުއްޖާ ގާތު ބުނެފިއެވެ. ”⁠އަހަރެމެންގެ ބައްޕަ އެދަނީ މުސްކުޅިވަމުން. އަދި މުޅި މިސަރަހައްދުގައި ވެސް އަހަރެމެން ކައިވެނި ކުރާނެ އެއްވެސް ފިރިހެނަކު ނެތް. 32އަހަރެމެންގެ ބައްޕައަށް ރާބޯންދީ މަސްތުކޮށްލައިގެން މިރޭ އޭނާއާއި އެކު ރޭ ކުރަމާ ހިނގާ. އޭރުން އަހަރެމެންނަށް ދަރިންލިބި އަހަރެމެންގެ ދަރިކޮޅު އުވިގެން ނުދާނެ.⁠“
33އެރޭ ލޫޠުގެފާނުގެ ދެއަންހެން ދަރިން އެކަލޭގެފާނަށް އަމަލުވަންދެން ރާބޯންދިނެވެ. ދެން ދޮށީއަންހެން ދަރިފުޅު އެކަލޭގެފާނާ އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއް ވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ. 34އަނެއް ދުވަހު ހެނދުނު ދޮށީ އަންހެންކުއްޖާ ހަގު އަންހެންކުއްޖާއަށް ބުންޏެވެ. ”⁠ރޭގަ އަހަރެން އަހަރެމެންގެ ބައްޕައާއި އެކު ޖިންސީގުޅުން ހިންގައިފިން. އަދި މިރޭ ވެސް އޭނަޔަށް ރާބޯންދީ އަމަލުކުރަމާ ހިނގާ. ދެން ތިބާޔަށް ވެސް އޭނާޔާ ގުޅުން ހިންގައި ދަރިއަކު ހޯދިދާނެ. އޭރުން އަހަރެމެންގެ ދަރިކޮޅު އުވިގެންނެއް ނުދާނެ.⁠“
35ދެން އެރޭ ވެސް އެކުދިންގެ ބައްޕައަށް އަމަލުވަންދެން ރާ ބޯން ދީފިއެވެ. ދެން ހަގު އަންހެންދަރިފުޅު ލޫޠުގެފާނާއި އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް މިފަހަރު ވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއް ވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.
36މިހެން ކަން ހިނގުމުން ލޫޠުގެފާނުގެ ދެއަންހެންދަރިން އެކަލޭގެފާނަށް ބަލިވެ އިނދެއްޖެވެ. 37ދޮށީދަރިފުޅަށް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް މުއާބުއޭ ކިޔައި ނަންދިނެވެ. އެކުއްޖާ އަކީ މުއާބު މީހުންގެ ކާބަފައިންނެވެ. 38ހަގުދަރިފުޅަށް ވެސް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް ބަނީ ޢައްމޫން އޭ ކިޔާ ނަންދިނެވެ. އޭނާއަކީ ޢައްމޫނީންގެ ކާބަފައިންނެވެ.

Currently Selected:

ފެށުން 19: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in