YouVersion Logo
Search Icon

މަންދޫބުންގެ މަސައްކަތް 19

19
ޕައުލް އެފޭސުސްގައި
1އަކޭޔާގެ ކޮރިންތުގައި އަޕޯލޮސް ވީދުވަސް ވަރު، ޕައުލް ފަރީޖިޔާ އާއި ގަލާތިޔާގެ ހިސާބުތަކުގައި ދިގު ދަތުރެއް ކުރަމުން ދިޔައެވެ. އެހެން ދަތުރުކުރަމުން ގޮސް ޕައުލް އެފޭސުސްއަށް ވެސް ދިޔައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާ ޕައުލްއާއި ބައްދަލުވިއެވެ. 2އޭނާ އެމީހުން ކުރެން ސުވާލު ކުރިއެވެ. ”⁠ތިޔަބައިމީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނަށް އީމާންވީ ވަގުތު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވުނު ތަ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫނޭ. ތިޔަ ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެއޭ. މާތްރަސްކަލާނގެ މާތްރޫޙުފުޅާ ބެހޭ ގޮތުން އަހަރެމެންނަކަށް އެއްވެސް އެއްޗެއް ނޭނގެއޭ.⁠“ 3ޕައުލް އެމީހުން ކުރެން ސުވާލު ކުރިއެވެ. ”⁠ވީއިރު ކަލޭމެން ހިނެވުނީ ތައުބާގެ ހިނެވުންތަކުގެ ތެރެއިން ކޮން ތައުބާގެ ހިނެވުމަކުންތަ؟⁠“ އެމީހުން ބުންޏެވެ. ”⁠އަހަރެމެން ހިނައިގަތީ ޔަޙުޔާގެފާނު އަންގަވައި ދެއްވި ތައުބާގެ ހިނެވުމުން.⁠“ 4ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ މީސްތަކުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަމުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން. ނަމަވެސް ޔަޙުޔާގެފާނު މީސްތަކުންނަށް އަންގަވަމުން ދިޔައީ އެކަލޭގެފާނަށް ފަހު އަންނަ ކަލޭގެފާނަށް އީމާންވުމަށް. އެކަލޭގެފާނަކީ އީސާގެފާނު.⁠“
5އެމީހުންނަށް މި ވާހަކަތައް ހަމަ އިވުމާއި އެކު އެމީހުން އީސާގެފާނުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނައިގަތެވެ.
6ދެން ޕައުލް އެމީހުންގެ ކޮނޑުގައި އަތްލާ ދުޢާ ކުރުމުން މާތްރޫޙުފުޅު އެމީހުންގެ މައްޗަށް ވެރިވިއެވެ. އެވަގުތު އެމީހުން ތަފާތު ބަސްތަކުން ވާހަކަދައްކާ އަދި މާތްރަސްކަލާނގެ ކުރައްވާނެ މަތިވެރި ކަންތައްތަކުގެ ވާހަކަތައް ދެއްކިއެވެ. 7މިމީހުންގެ އަދަދަކީ ބާރަ މީހުން ކަމުގައި ވިއެވެ. 8ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ. 9ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން މި ކަންތައްތަކާ ދެކޮޅުވެ ހަރުކަށިވެ އީސާގެފާނު އެންގެވި މަގާއި މެދު ނުރުހި އެކަމާއި ބެހޭ ގޮތުން އެމީހުން ދޮގު ނަހަމަ ވާހަކަތައް އެންމެންގެ މެދުގައި ފަތުރަމުން ދިޔައެވެ. އެހެން ކަމުން ޕައުލް އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގޮވައިގެން އެ ދީނީ މަރުކަޒު ދޫކޮށް ދިޔައެވެ. ދެން ޕައުލް ދިޔައީ އެ ރަށުގެ ތިރާނުސް އޭ ކިޔުނު މީހަކު ހިންގި ސުކޫލެއްގެ އިމާރާތަކަށެވެ. އެތާނގައި ކޮންމެ ދުވަހަކު ޕައުލް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދީ ކިޔަވައިދެމުން ގެންދިޔައެވެ.
10ޕައުލް މި ގޮތަށް ދެ އަހަރު ދުވަސް ވަންދެން އެތާނގައި މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އެހެންކަމުން މުޅި އޭޝިޔާގެ ސަރަހައްދުގެ#19‏:10 މިސަރަހައްދަކީ މިހާރުގެ ތުރުކީވިލާތުގެ ހުޅަނގު ސަރަހައްދެވެ. ބަނީއިސްރާއީލު މީހުންނަށާއި އަދި ގުރީކު މީހުންނަށް ވެސް މާތްސާހިބާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު އިވުނެވެ.
ޝެވާ އޭ ކިޔުނު އިމާމުގެ ހަތްދަރިން
11އާދަޔާ ޚިލާފު މުޢުޖިޒާތްތައް ދެއްކުމުގެ ބާރު މާތްރަސްކަލާނގެ ޕައުލް އަށް ދެއްވިއެވެ. 12އެހެން ކަމުން އޭނާގެ ގައިގައި ބީހިފައިވާ ރުމާލެއް ނުވަތަ ފޮތިކޮޅެއް ވިޔަސް ބަލި މީހުންގެ ގައިގައި އެޅުމުން އެމީހުންގެ ބަލި ފިލައި ރަނގަޅުވަމުން ދިޔައެވެ. އަދި އެމީހެއްގެ ކިބައިގައި ނުބައިރޫޙެއް ވާނަމަ އެ ރޫޙެއް ވެސް އެމީހަކު ދޫކޮށް ވަގުތުން ދެއެވެ.
13ބަނީއިސްރާއީލު މީހުން ވެސް ނުބައި ރޫޙުތައް އަވަލާފައިވާ މީހުން ރަނގަޅު ކުރަމުން އެކި ރަށްރަށަށް ދަތުރު ކުރަމުން ދިޔައެވެ. މީގެތެރެއިން ބަޔަކު ނުބައި ރޫޙުތަކުގެ ކިބައިން މީސްތަކުން މިންޖު ކުރުމަށް އީސާގެފާނުގެ ނަންފުޅު ބޭނުން ކުރުމަށް މަސައްކަތް ކުރިއެވެ. އެ ގޮތުން އެމީހުން ނުބައިރޫޙުގެ ބާރުގެ ދަށުވެފައިވީ މީހުންނަށް ބުނަމުން ދިޔައެވެ. ”⁠ޕައުލް އެބޭކަލެއްގެ ނަންފުޅުގައި ކިޔަވާދެމުން އެ ދާ ބޭކަލެއް ކަމުގައިވާ އީސާގެފާނުގެ ނަންފުޅުގައި ތިޔަ މީހާ ދޫކޮށް ދިއުމަށް އަހަރެމެން އަމުރުކުރަން.⁠“ 14އީސާގެފާނުގެ ނަންފުޅު ބޭނުންކޮށް މި ކަން ކުރަމުން ދިޔައީ ސުކޭވާ އޭ ކިޔުނު ބޮޑު އިމާމުގެ ހަތްދަރިންނެވެ. 15އެމީހުން ނުބައިރޫޙެއްގެ ބާރުދަށުވެފައިވީ މީހަކަށް އެހެން ބުނުމުން އޭނާއާއި އަވަލާފައިވާ ނުބައިރޫޙު އެމީހުންނާއި ދިމާލަށް ބުންޏެވެ. ”⁠އަހަރެންނަށް އީސާގެފާނު އެނގޭ. އަދި ޕައުލް އަކީ ކާކުކަން ވެސް އަހަރެންނަށް އެނގޭ. އެކަމަކު ކަލޭމެން ތިޔައީ ކޮން ބައެއް؟⁠“ 16ދެން އެ ނުބައި ރޫޙު އަވަލާފައިވާ މީހާ އެމީހުންގެ މައްޗަށް ފުންމައިގަނެ، އެމީހުންގެ ގައިގައި ތަޅާ އަނިޔާ ކުރަން ފެށިއެވެ. ދެން އެމީހުން އެގެއިން ނުކުމެގެން ދުވެދިޔައެވެ. އޭރު އެމީހުންގެ ގައިން ޒަހަމްވެ ލޭ އޮހެރުމުން ދިޔައެވެ. އަދި އެމީހުން ލައިގެން ތިބި އަންނައުނުތައް ވީދި، އެމީހުން ވަނީ އޮރިޔާން ހާލުގައެވެ.
17މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ. 18އީމާންވެގެން ތިބި އެތައް ބަޔަކުމެ ފާޅުގައި އެމީހުން ކޮށްފައިވާ ނުބައިކަންތަކަށް އިޢުތިރާފު ވަމުން ދިޔައެވެ. 19މީގެތެރެއިން ފަންޑިތައިގެ ކަންތައްތައް ކުރަމުން ދިޔަ މީހުން އެމީހުންގެ ފަންޑިތަ ފޮތްތައް ގެނެސް އެންމެންގެ ކުރިމަތީގައި އަލިފާންގަނޑެއް ރޯކޮށް އަންދާލިއެވެ. މި ފޮތްތަކުގެ އަގު އެތަންހާސް ރުފިޔާއެއް ކަމުގައި ވިއެވެ. 20މި ފަދަ ގޮތްތަކުގެ މަތިން އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު ބާރުގަދަ ގޮތެއްގައި ފެތުރި ފުޅާ ވަމުން ދިޔައެވެ.
އެފޭސުސްގެ ބަޣާވާތް
21ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“ 22ޕައުލް ތިމޮތީ އާއި އެރަސްތުސް އޭނާގެ ކުރިން މެސެޑޯނިޔާއަށް ފޮނުވިއެވެ. އަދި ޕައުލް އޭޝިޔާގައި އިތުރަށް ކުޑަ ދުވަސްކޮޅަކު މަޑު ކުރިއެވެ. 23ނަމަވެސް އެދުވަސްކޮޅު އީސާގެފާނު ދެއްކެވި މަގާއި ބެހޭ ގޮތުން ވަރަށް ބޮޑު މައްސަލައެއް އެފޭސުސްގައި ފެތުރުނެވެ. 24މި ކަން ފެށުނީ އެ ރަށުގައި އުޅުނު ދިމެތުރިސް އޭކިޔުނު މީހެއްގެ ސަބަބުންނެވެ. މިމީހާއަކީ ގުރީކު މީހުންގެ އަންހެން ކަލާނގެއެއް ކަމުގައިވާ އަރުތޭމިސް އޭ ކިޔުނު ކަލާނގެ ފައްޅީގެ ކުދި މޮޑެލްތައް ރިހިން ހަދައިގެން ވިއްކުމުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާގެ މުއައްޒިފުންގެ ގޮތުގައި ވެސް އެތައް ބައިވަރު ބަޔަކު މި ފައްޅީގެ ކުދި މޮޑެލްތައް ހެދުމުގެ އަތްތެރި މަސައްކަތް ކުރުމުގައި އުޅުނެވެ. 25ދިމެތުރިސް އޭނާގެ މުއައްޒިފުންނާއި އަދިވެސް މި ފަދަ އެހެން ވެސް ވިޔަފާރި ކުރާ މީހުންގެ ކައިރީގައި އުޅޭ އަތްތެރި މަސައްކަތް ކުރާ މީހުން އެއްކުރިއެވެ. އަދި އެމީހުންނަށް މި ފަދައިން މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. ”⁠އެންމެ ހާ އަތްތެރި މަސައްކަތް ކުރާ މީހުންނޭ، ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެންނަށް ފައިސާއާއި ތަނަވަސްކަން ލިބެމުން ދަނީ މި ވިޔާފާރިންނޭ. 26ތިޔަ އެންމެންނަށް ވެސް އަޑު އިވި އެނގިފައި ވާނޭ ފަދައިން މި ޕައުލް އޭ ކިޔުނު މީހާ އެންމެން ކާރީ ބުނަމުން އެދަނީ އަތުން ހަދާފައިވާ ކަލާނގެތަކަކީ ކަލާނގެއެއް ނޫން ކަމުގައޭ. އަދި މި ކަންތައްތައް މި ފަދައިން ވަމުން ދަނީ ހަމައެކަނި އެފޭސުސްއަކު ނޫނޭ. މުޅި މި ސަރަހައްދުގައި ވެސް މި ކަންތައްތައް މި ފަދައިން ފެތުރެމުން އެބަދެއޭ. 27ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެން މި ކަމާމެދު މި ވާހަކަދައްކަނީ ހަމަ އެކަނި އަހަރެމެންގެ ވިޔަފާރިއަށް އާމުންގެ ކިބައިން ލިބެމުން ދާ ތަރުޙީބު ގެއްލި އެކަމުގެ އަގު ވެއްޓިދާނެތީ އެކައްޏެއް ނޫނޭ. އަހަރެން ކަންބޮޑުވާ ކަމަކީ އަހަރެމެންގެ ބާރުގަދަ މަތިވެރި އަންހެން ކަލާނގެ އަރުތޭމިސްގެ ފައްޅިއަށް ކުރެވޭ އިޙުތިރާމު ގެއްލި ގޮސް އޭޝިޔާގެ ސަރަހައްދުގައާއި އަދި މުޅި ދުނިޔޭގައި ވެސް އެކަލާނގެއަކަށް އަޅުކަން ކުރެވެމުން ދާ މަތިވެރި ލާމަސީލު އަންހެން ކަލާނގެ ކަމުގައިވާ އަރުތޭމިސްގެ ނުފޫޒު ގެއްލި އެކަލާނގެއަށް ކުރެވޭ ޤަދަރު ނެތިގެން ހިނގައި ދާނެތީއޭ.⁠“
28މި ވާހަކަތައް އިވުމުން އެތާނގައި ތިބި އެންމެން ރުޅިއައިސް ރަތްވެ އެއްއަޑުން ”⁠މަތިވެރިވެގެން ވަނީ އެފޭސުސްގެ މީހުންގެ ކަލާނގެ އަރުތޭމިސް⁠“ އޭ ގޮވާ ހަޅޭއްލަވަން ފެށިއެވެ. 29މުޅި ރަށުގައި ހަމަނުޖެހުންފެތުރި ވާނުވާ ނޭނގެން ފެށިއެވެ. ދެން ބަޔަކު ގާޔުސް އާއި އަރިސްތާރުކު އާއި ހިފާ ހައްޔަރުކޮށް އެ ރަށުގެ އެންމެ ބޮޑު ސުޓޭޖު އެޅިފައިވާ ދަނޑަށް ގެންދިޔައެވެ. ގާޔުސް އާއި އަރިސްތާރުކު އަކީ މެސެޑޯނިޔާގެ ދެ މީހުންނެވެ. މި ދެމީހުން އެ ރަށަށް އައީ ޕައުލް އާއި އެކުގައެވެ. 30ޕައުލް އެތަނަށް ގޮސް އެތަނަށް އެއްވެފައިވާ މީސްތަކުންނާއި ވާހަކަދެއްކުމަށް ގަސްތު ކުރިއެވެ. ނަމަވެސް އީމާންވެގެން ތިބި މީސްތަކުން އޭނާ މި ފަދައިން ކަން ކުރިއަކަށް ނުދިނެވެ. 31އެ ރަށުގެ ވެރިންގެ ތެރޭގައި ޕައުލްއަށް ހެޔޮއެދޭ ބަޔެއް ވެރިން ވެސް ވިއެވެ. އެމީހުން ވެސް މީހަކު ފޮނުވާ އެތަނަށް ނުދިއުމަށް އެދި ޕައުލްއަށް އާދޭސް ކުރިއެވެ.
32އޭރު އެ ތާގައި އެންމެން ހަޅޭއްލަވަމުން ދިޔައެވެ. އެއްބަޔަކު އެކައްޗެއް ގޮވާ ހަޅޭއްލަވަމުން ދިޔައިރު އަނެއްބަޔަކު އަނެއް އެއްޗެއް ކިޔާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ތާގައި ވަނީ ހަމަނުޖެހުމާއި އޮޅުންބޮޅުމެވެ. އެތާނގައި ތިބި ގިނަބަޔަކަށް އެމީހުން އެތަނަށް އެއްވެގެން މި އުޅެނީ ކީއްވެކަން ވެސް އޮޅުން ނުފިލައެވެ. 33އެތާނގައިވާ ބައެއް ބަނީއިސްރާއީލު މީހުން އިސްކަންދަރުއޭ ނަމަކަށް ކިޔުނު މީހަކު އެންމެންގެ ކުރިމައްޗަށް ނެރުނެވެ. އަދި އޭނާއަށް މި ވެގެން އުޅޭގޮތް މީސްތަކުންނަށް އަންގާ އޮޅުންފިލުވާ ދީ މިކަމަކީ މިއީ ބަނީއިސްރާއީލު މީހުންނާއި ބެހޭ ކަމެއް ނޫންކަން ކިޔާދިނުމަށް އެންގިއެވެ. ދެން މި އިސްކަންދަރު އަތުން އިޝާރާތް ކޮށް މީސްތަކުންނަށް މަޑުވުމަށް އަންގާ އެމީހުންނަށް މިކަން އޮޅުންފިލުވާ ދިނުމަށްޓަކައި ވާހަކަ ދެއްކުމަށް މަސައްކަތް ކުރިއެވެ. 34ނަމަވެސް މީސްތަކުންނަށް މި އިސްކަންދަރަކީ ބަނީއިސްރާއީލު މީހެއްކަން އެނގުމުން ދެ ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި އެއް އަޑުން އެފޭސުސްގެ އަރުތޭމިސް ކަލާނގެ މަތިވެރިއޭ ކިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ. 35ދެން އެންމެފަހުން އެ ރަށުގެ ވެރިއަކު އެތަނަށް އައިސް މީސްތަކުން މައިތިރިކުރިއެވެ. ދެން އޭނާ އެމީހުންނަށް ބުންޏެވެ. ”⁠އޭ އެފޭސުސްގެ މީސްތަކުންނޭ، އެފޭސުސްއަކީ އަރުތޭމިސް ކަލާނގެ އެންމެ މުހިންމު ފައްޅި ވާ އަދި އެކަލާނގެއަށް އަޅުކަން ކުރެވޭ ތަންތަނުގެ ވެރިރަށް ކަން ނޭނގެނީ ކާކަށް ހޭ؟ އަދި އެކަލާނގެ ސިފަފުޅުގައި ސީދާ އުޑުން ވެއްޓުނު ހިލަގަނޑު ވެސް ވަނީ މި ރަށުގައި ކަން ވެސް ނޭނގެނީ ކާކަށް ހޭ؟ 36އެއްވެސް މީހަކަށް މި ކަންތައްތަކަކާއި ދެކޮޅެއް ނެހެދޭނޭ. ވީމާ ތިޔަބައިމީހުން މަޑުމައިތިރިވާށޭ. އަދި ތިޔަބައިމީހުން އެއްވެސް ތާކުންތާކު ނުޖެހޭކަމެއް ކޮށް އަތުންފައިން ގޯހެއް ނަހަދާށޭ.
37ތިޔަބައިމީހުން މި ތަނަށް ހައްޔަރުކޮށްގެން ތިޔަ ގެނައި މީހުންނަކީ އަހަރެމެންގެ ފައްޅިއަކުން ވައްކަންކޮށް، އަދި އަހަރެމެންގެ ކަލާނގެއާއި މެދު ނުބައި އެއްޗެއް ކީ ބައެއް ވެސް ނޫނޭ. 38ދިމެތުރިސް އާއި އޭނާއާއި އެކު މަސައްކަތް ކުރާ މީހުން އެމީހުންނާއި މެދު ދަޢުވާކުރަން ބޭނުންނަމަ، އެމީހުންނަށް އެ ދަޢުވާކުރަން ދެވޭނެ ކޯޓުތަކާ ފަނޑިޔާރުން މި ރަށުގައި އެބަވެއޭ. ވީއިރު އެމީހުން އެތަނަށް ގޮސް އެ ދަޢުވާކުރަން ދޫކޮށްލާށޭ.
39އަދި މީގެ އިތުރުން ވެސް ކަލޭމެން އެމީހުންނާއި މެދު ކުރަން ބޭނުން ދަޢުވާއެއް ނުވަތަ ޝަކުވާއެއް ވާނަމަ، ދެން އެ ކަންތައް ޖެހޭނީ ރަށުގެ އެންމެ ހާ ރައްޔިތުންގެ އެއްވުމެއް ގަވާއިދުން ބާއްވާ އެކަން އެމީހުންގެ ކުރިމައްޗަށް ހުށައަޅާ އެކަމާ ވާހަކަދައްކާށޭ. 40މިއަދު މި ވީ ކަންތައްތަކުގެ ސަބަބުން އަހަރެމެންގެ ބޮލުގައި ބަޣާވަތެއް ފެށިކަމުގެ ކުށް ވެސް އެޅިދާނެއޭ. އެ ފަދައިން ކަންވާންވި އެއްވެސް ސަބަބެއް ވެސް ނެތޭ. އަދި މި ހަމަނުޖުހުން މި އުފެދުނީ ކީއްވެކަން ވެސް އަހަރެމެންނަށް ރަނގަޅަށް ބަޔާންކޮށް ދެއްކޭކަށް ނެތޭ.⁠“ 41މިހެން ބުނުމަށް ފަހު އޭނާ މީސްތަކުންނަށް އެންގީ އެތަނުން ދިއުމަށެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in