ގަވަރުނަރު ފެސްތުސް ޖެރޫސަލަމުގައި ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަހު ހުންނެވުމަށް ފަހު އެނބުރި ކައިސަރިޔާއަށް ވަޑައިގެންނެވިއެވެ. އަދި އަނެއް ދުވަހު ފެސްތުސް ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން ޕައުލް ގެނައުމަށް އެންގިއެވެ. ޕައުލް އެތަނަށް ގެނެވުމާއި އެކު ޖެރޫސަލަމުން އެ ރަށަށް އައި ބަނީއިސްރާއީލުގެ ވެރިން އޭނާގެ ވަށައިގެން ތިބެ ވަރަށް ގިނަ ތަފާތު ބޮޑެތި ކުށްތަކުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރަންފެށިއެވެ. ނަމަވެސް އޭގެން އެއްވެސް ތުހުމަތެއްގެ ހެއްކެއް އެމީހުންނަކަށް ދެއްކޭކަށް ނެތެވެ.